ތިބާގެ މަންމަ މަރާލި މީހުންނަށް ބުނާނީ ކީކޭ ހެއްޔެވެ؟ ދުވަހަކުވެސް އެމީހަކަށް މައާފު ކުރާނަން ހެއްޔެވެ؟ މިއީ އިންޑޮނޭޝިއާގައި ގައިދީން ބައިތިއްބާފައި ތިބޭ ރަށަކަށް ދިޔަ، އުމުރުން އެންމެ 17 އަހަރުގެ ސާރާ ސަލްސަބީލާއަށް ކުރިމަތިލާންޖެހުނު ސުވާލުތަކެކެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީ ހުންނަ ސަރަހައްދުން އިވާން ސެތިއަވާން ސައިކަލުގައި ދިޔައީ އޭނާގެ އަންހެނުންވެސް ގޮވައިގެންނެވެ. އޭރު އޭނާ އިނީ ވިހަން ވަރަށް ގާތްވެފައެވެ. އެއީ އެ ދެމެފަރިންގެ ދެވަނަ ދަރިފުޅެވެ.
"ކުއްލިއަކަށް އިވުނު ބާރު އަޑުފައްގަނޑަކާއެކު ވައިގެ ތެރެއަށް އަހަރަމެން ވިއްސައިގެން ދިޔައީ. ބައިވަރު ލޭ ފެނުނު. ދެން ލޮލަށް ދަގަނޑުކޮޅެއް ހެރި، ލޯ ހަލާކުވި" އިވާން ކިޔައިދިނެވެ.
އެ ހަމަލާއަކީ މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްކަން އިވާންއަށް އެނގުނީ މާ ފަހުންނެވެ. އެއީ އިންޑޮނޭޝިއާގައި ދިން ބޮމުގެ ހަމަލާތައް ނަގަމުންދިޔަ އަލްގައިދާއާއި ގުޅުންއޮތް ޖީމާ އިސްލާމިއްޔާގެ ހަމަލާއެއްކަން އިވާންއަށް އެނގުނީވެސް އަދި މާ ފަހުންނެވެ.
އިވާންގެ އަންހެނުން ހަލީލާ ސިރޯޖާ ވިއްސައިގެން ދިޔައީ މާ ދުރަށެވެ. ދެމަފިރިންވެސް ގެންދެވުނީ ހޮސްޕިޓަލަށެވެ. ހާދިސާގައި ލިބުނު ޝޮކުގައި ހަލީލާގެ ބަނޑުގައި ވިހެއުމުގެ ވޭންވަރުތައް ނަގަންފެށިއެވެ. އޭނާ ވަގުތުން އޮޕަރޭޝަން ތިއޭޓަރަށް ވެއްދިއެވެ. ނަމަވެސް، މާތް ﷲގެ ރަހުމަތްފުޅާއެކު ހަލީލާ ވިހެއީއެވެ. ބޮމުގެ ހަމަލާ ދިން ދުވަހުގެ ރޭ އުފަންވި އެ މައުސޫމު ފިރިހެން ކުއްޖާއަށް އިވާންގެ ދެމަފިރިން ދިން ނަމަކީ ރިޒްގީއެވެ. ރިޒްގުގެ މާނައިގައެވެ.
"މަންމައަކީ ވަރަށް ހިތްވަރުގަދަ މީހެއް. ގައިގެ ކަށިތައް ބިނދިފަ އޮވެގެންވެސް މަންމަ ކޮއްކޮ ވިހެއީ. އެއީ އާދަޔާ ހިލާފު، ހިތްވަރުގަދަ މަންމައެއް" ފެންކަޅިވެފައި އިނދެ ސާރާ ކިޔައިދިނެވެ.
ބޮމުގެ ހަމަލާގައި ހަލީލާއަށް ލިބުނު އަނިޔާތައް ފަސޭހައެއް ނުވިއެވެ. އެ ވޭނުގައި 2 އަހަރެއްހާ ދުވަހު އޮތުމަށްފަހު އޭނާ މި ދުނިޔެއާއި ވަކިވެގެންދިޔައީ ސާރާގެ 5 ވަނަ އުފަންދުވަހުއެވެ.
"ވަކިވެގެން އެދިޔައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަހަރެން ފުރިހަމަ މީހަކަށް ހަދައިދިން ބައިވެރިޔާ. މިހާރުވެސް އެ މަންމަ ވާހަކަ ދައްކަން ވަރަށް ހިތްދަތިވޭ" މަންމަގެ ހަނދާންތައް ހިއްސާކޮށްދެވޭތޯ ބަލަމުން ސާރާ ކިޔައިދިނެވެ.
ލޯބިވާ އަނބިމީހާގެ އިތުރުން 2 ދަރިންގެ މަންމަ މި ދުނިޔެއާއި ވަކިވެދިޔައީ ބޮމުގެ ހަމަލާގެ ވޭނުގައި ކަމަށްވާއިރު، އިވާންގެ ހިތުގައި އަނދަމުންދިޔައީ ބަދަލު ހިފުމުގެ އަލިފާންގަނޑެކެވެ.
"އަހަރެން ބޭނުންވީ އެ ހަމަލާ ދިން މީހުންގެ ތެރެއިން ދިރި ތިބި މީހުންވެސް މަރުވާން. އެކަމަކު އެހާ އަވަހަށް އެމީހުން މަރުވާކަށްވެސް ބޭނުމެއް ނުވެ. ފުރަތަމަ އެމީހުންނަށް ލާއިންސާނީ އަނިޔާދޭން ބޭނުންވި. ގައިގެ އެތަން މިތަން ކަނޑާ، އެތަންތަނަށް ލޮނު އަޅަން ބޭނުންވި. އެ މީހުންގެ އަމަލުތަކުގެ ސަބަބުން ނަފްސާނީ ގޮތުންނާ ޖިސްމާނީ ގޮތުން ލިބެމުންދިޔަ އަނިޔާތަކުގެ ވޭން، އެމީހުންނަށްވެސް އިހުސާސްކޮށްދޭން ބޭނުންވި" ހަލީލާގެ ވަކިވެދިއުމާއެކު ކުރެވެމުންދިޔަ އިހުސާސްތައް އިވާން ހިއްސާކުރިއެވެ.
އޮސްޓްރޭލިއާ އެމްބަސީ ސަރަހައްދުގައި 2004 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ 15 އަހަރު ފަހެވެ. ހަލީލާގެ މަރަށްފަހު 13 އަހަރު ފާއިތުވެއްޖެއެވެ. އެއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހެވެ. ރިޒްގީ ތައުލީމު ހާސިލުކުރަމުންދިޔައީ ޖޫނިއާ ހައިސްކޫލްގައެވެ. ސާރާގެ ތައުލީމީ ހަޔާތް ނިމުމަކާ ގާތްވަނީއެވެ. ކުޑަ ބޯޓެއްގައި ކޯރެއް ހުރަސްކޮށް އެ ތިންބަފައިން ދަތުރުކުރަމުންދިޔައީ އިންޑޮނޭޝިއާގައި އޮޕަރޭޓްކުރާ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ޖަލަށެވެ.
ތިންބަފައިންގެ މިސްރާބު ހުރީ ބޮމުގެ ހަމަލާއާއި ގުޅިގެން މަރުގެ ހުކުމް އިއްވާފައިވާ 2 މީހުންނާ ބައްދަލުކުރުމަށެވެ. އިވާން މީގެ ކުރިންވެސް ވަނީ އެތަނުން އެކަކާ ބައްދަލުކޮށްފައެވެ. އެއީ ހަރުކަށިފިކުރުގެ ވަބާ ނައްތާލުމަށް އިންޑޮނޭޝިއާއިން ފަށާފައިވާ މަޝްރޫއުގެ ތެރެއިންނެވެ. އެ މަޝްރޫއަކީ އެފަދަ ހަމަލާތައްދޭ ފަރާތްތަކާ، އެ ހަމަލާތަކުގެ އަނިޔާ ލިބޭ މީހުންނާ އެއްތަނަކުން ބައްދަލުކޮށްދޭ މަޝްރޫއެކެވެ. ނަމަވެސް މިއީ ސާރާއާއި ރިޒްގީ، އެ މީހުންނާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެކަން ކުރަން އިވާންވެސް ހުރީ ތައްޔާރަށެވެ.
"އަހަރެން ބޭނުން އަހަރެންގެ އާއިލާއަށް އެ ފުރުސަތު ދޭން. އަހަރެންގެ ދަރިންނަށް އަބަދުވެސް ދަސްކޮށްދެމުން މިދަނީ ރުޅިވެރިކަން ނުބާއްވަން. އެކުދިން އަބަދުވެސް ބޭނުންވޭ އެކަންކުރި މީހުން ބަލާލަން" އިވާން ބުންޏެވެ.
ދަތުރުމަތީގައި ސެލްފީ ނަގާ ފޯނުން އަތް ދޫނުވެ އުޅޭ ސާރާ، އޭނާގެ މަންމައާއި ގުޅޭ ވާހަކައެއް ދައްކާ ކޮންމެ ފަހަރަކު ފެންކަޅިވެއެވެ.
"އަހަރެން ހީކުރަން މި ބައްދަލުވުމަކީ، ޓެރަރިސްޓުން ވިސްނާނެ ބައްދަލުވުމަކަށް ވާނެ ކަމަށް. އަދި މާތް ﷲގެ ހަޟްރަތުން އެމީހުން މައާފަށް އެދޭނެ ކަމަށްވެސް އުއްމީދުކުރަން. އެމީހުން އެކުރި ކަމަކާ އެމީހުން ހަގީގަތުގައިވެސް ހިތާމަކުރާނަމަ، އެކަމުގެ ސަބަބުން އެދެވޭ އަސަރެއް ކުރުން އެކަށީގެންވޭ. އަދި އެފަދަ ކަމެއް ދެވަނަ ފަހަރަކަށް ނުހިނގާނެ" ސާރާ ކިޔައިދިނެވެ.
މިހުރިހާ ވާހަކައެއް ދެއްކިއިރުވެސް ސާރާގެ ހިތުގައި ޖަވާބު ނުލިބޭ ބޮޑު ސުވާލެއް އޮތެވެ. އެއީ އެމީހުން އެކަން އެކުރީ ކީއްވެތޯ ކުރެވޭ ސުވާލެވެ.
ޖަލަށް ދެވިއްޖެއެވެ. ގައިދީން ލާ ޒާތުގެ އޮރެންޖު ކުލައިގެ ޖަމްޕްސޫޓެއްގައި އިނީ ބޮމުގެ ހަމާލާއާއި ގުޅިގެން މަރުގެ ހުކުމް އިއްވާފައިވާ އިވާން ދަރުމަވާން މުންޓޯއެވެ. ނުވަތަ ރޮއިސްއެވެ. ގައިދީންނާ އާންމުން ބައްދަލުކުރަން ހަމަޖެހިފައިވާ ކޮޓަރީގައި ހަމަހިމޭންކަމާއެކު ރޮއިސް އިނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އެއީ ދާދި ފަހުން ޖެހުނު ސްޓްރޯކަކަށްފަހު މިއަދު އޭނާގެ ހާލެވެ. ނަމަވެސް އެއިރުވެސް އޭނާގެ ހަތަރެސްފައިގައި ވަނީ ބިޑިއަޅުވާފައެވެ.
ރޮއިސް ގަބޫލުކުރާ ގޮތުގައި އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކޮށްފިނަމަ އޭނާ މަރުވެގެންދާނީ ޝާހީދެއްގެ ގޮތުގައެވެ.
ބެލެވޭ ގޮތުގައި އޮސްޓްރޭލިއާ އެމްބަސީ ސަރަހައްދުގައި ހަމަލާދީފައިވަނީ އެދުވަސްވަރު ކުރެވުނު އިރާގު ހަނގުރާމާގައި އޮސްޓްރޭލިޔާއިން އެމެރިކާއާއި ގުޅުންތައް ބާއްވާތީއެވެ.
ރޮއިސް އިން ކޮޓަރި ތެރެއަށް ވަނުމުގެ ފުރުސަތު އިވާންއާއި އޭނާގެ ދެދަރިންނަށް ދިނެވެ. އެއްވެސް ނުރައްކަލެއް އޮތް ފަދަ ގޮތަކަށް ރޮއިސް ހަރަކާތްތެރި ވާން ފަށައިފިނަމަ ފާރު ކައިރިއަށް ދިއުމަށް އެ ތިންބަފައިންނަށް އިރުޝާދުދިނުމަށްފަހު އެ ކޮޓަރިއަށް ވެއްދިއެވެ. އޭރުވެސް ރޮއިސްގެ ގާތުގައި ސެކިއުރިޓީ ގާޑުން ތިއްބެވެ.
ރޮއިސްއާއި ބައްދަލުވުމުން އިވާން އެންމެ ފުރަތަމަ ތައާރަފުކޮށްދިނީ ރިޒްގީއެވެ. އެއީ ރޮއިސް ހަމަލާ ދިން ރޭ އުފަންވި ދަރިފުޅުކަމަށްވެސް ބުންޏެވެ. އޭރުވެސް ރިޒްގީ އިނީ އޭނާގެ ދެ އަތަށް ބަލަހައްޓައިގެން، އިސްދަށަށް ޖަހައިގެންނެވެ.
"އަހަރެންގެވެސް ދަރިއަކު ހުރޭ. އަތްބަކު ހުރޭ. އެ މީހުން ނުދެކޭތާ އެތައް އަހަރެއް ވެއްޖެ. އެ ދެމައިން މަތިން ވަރަށް ހަނދާންވޭ. އިވާންއަށްވުރެ ހާލުގައި އަހަރެން މި ހުރީ. އިވާންއަށްވާ ދަރިން އެބަ ފެނެއެއްނު. އަހަރެންގެ ދަރިފުޅަށް، އަހަރެން މީ ކާކުކަންވެސް ނޭނގޭނެ" ރޮއިސް ޖަވާބު ދިނެވެ. އަދި ސާރާއާއި ރިޒްގީއަށް ބަލާލިއެވެ.
ސާރާއާއި ރިޒްގީގެ ދެބެންވެސް ތިބީ އިސްދަށަށް ޖަހައިގެންނެވެ. ރޮއިސްއާއި ހަތަރުކަޅި ހަމަކުރަން ބޭނުން ނުވާތީއެވެ. ނަމަވެސް ސާރާ ކޮންމެވެސް އެއްޗެއް ބުނަން އުޅުނުހެން ހީވުމުން އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ހުރިހާ ހިތްވަރެއްލައިގެން ސާރާ ސުވާލުކޮށްލިއެވެ. "އެކަން ކުރީ ކީއްވެ" ތޯ ސުވާލު ރޮއިސް ކުރެ ސުވާލުކުރިއެވެ. މަޑުމައިތިރިކަމާއެކުގައެވެ.
"އަހަރެން ކުރިކަމަށް އެމީހުން އެބުނާ ކަމެއް އަހަރެން ނުކުރަން. އެހެންވީއިރު އަހަރެން އެކަމަށް އިއުތިރާފުވީ ކީއްވެ؟ ޖަވާބު ބޭނުން ނަމަ އަހަރެންގެ ލޮލަށް ބަލާލާ" ފުސްއަރާފައިވާ ލޮލަށް އިޝާރާތްކުރަމުން ރޮއިސް ބުނެލިއެވެ.
"ތިކުދިން ބޮޑުވީމަ ވިސްނޭނެ. އެ ހަމަލާތަކަކަށް އަހަރެންވެސް ގަބޫލެއް ނުން. ޝިކާރައަކަށް ވީ މުސްލިމުން. އެއީ ރަނގަޅު ގޮތެއް ނޫން. މުސްލިމުންނެއް ނުމެރޭނެ. މުސްލިމަކަށް އަނިޔާ ކުރުމަކީވެސް ރަނގަޅު ގޮތެއް ނޫން" ރޮއިސް އިތުރަށް ތަފްސީލުކުރަމުންދިޔައެވެ.
މުސްލިމު ނޫން މީހުންވެސް އެފަދަ ގޮތަކަށް މަރާލުމަކީ ރަނގަޅު ގޮތް ނޫންކަމަށް ރޮއިސް ބުންޏެވެ.
ރޮއިސް މިވަގުތު ބަހައްޓާފައި ހުންނަނީ ހައި-ސެކިއުރިޓީ ޖަލުގެ އައިސޮލޭޝަން ސެލްއެއްގައެވެ. ޖަލު އޮފިސަރުން ބުނާ ގޮތުގައި އެކަން އެހެން ކުރަން ޖެހުނީ ރޮއިސްގެ ފަރާތުން އެހެން ގައިދީންނަށް ފޯރާފާނެ ނުފޫޒަކަށް ބެލުމަށްފަހުގައެވެ.
މީގެ ކުރިން ރޮއިސް ގޮޅި ހިއްސާކުރަމުންދިޔައި ހަރުކަށި ފިކުރުގެ އަމާން ޢަބްދުއްރަޙުމާން ނަމަކަށް ކިއާ މީހަކާއެވެ. އޭނާ ފަހުންވަނީ އައިސިސް ޖަމާއަތަށް ބައިއަތު ހިފާފައެވެ. 2016 ވަނަ އަހަރު ޖަކާޓާގައި ދިން ބޮމުގެ ހަމަލާތައް އެ 2 މީހުން ރޭވީ ޖަލު ގޮޅީގައި ތިބެގެން ކަމަށްވެއެވެ.
އިވާންގެ 3 ބަފައިން ޖަލުގެ ބައްދަލުކުރާ ކޮޓަރިން ނިކުމެގެންދާން ތެދުވުމުން، އޭނާއަށް ދުއާ ކޮށްދިނުމަށް ރޮއިސް އެދުނެވެ. "ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެ. އެއްވެސް ގޮތަކުން ތިބާއަށް ދެރައެއް ދެވިފައި އޮތިއްޔާ އެކަމަށް މައާފަށް އެދެން. އެ ވޭން އަހަރެންނަށްވެސް އިހުސާސްކުރެވޭ. އަހަރެންނަށް ހަގީގަތުގައިވެސް އިހުސާސްކުރެވޭ" ރޮއިސް ބުންޏެވެ.
ޖަލުން ބޭރަށް ނިކުތްއިރު އިވާން ހުރީ ތުރުތުރުއަޅާ ހާލުގައެވެ.
"އޭނަ އަދިވެސް އެހީކުރަނީ އޭނާއަށް ކުރެވުނީ ރަނގަޅު ކަމެއް ކަމަށް. އިތުރު ފުރުސަތެއް އޮތްނަމަ އަދިވެސް އޭނަ އެކަން ކުރާނެ. އަހަރެން ވަރަށް ދެރަވެއްޖެ. އޭނަ އެތައް އަނިޔާއެއް ދީފި. އަދިވެސް އޭނަ އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވޭ" ރޮއިސްގެ ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަދައްކަމުން، ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން އިވާން ބުންޏެވެ.
އެ ޖަލުން ނިކުމެގެން އިވާންގެ 3 ބަފައިން މިސްރާބު ޖެހީ އެ ރަށުގައި ހުންނަ 2 ވަނަ ޖަލަށް ދިއުމަށެވެ. އެއީ ހަމަ އެ ބޮމުގެ ހަމަލާއާއި ގުޅިގެން މަރުގެ ހުކުމް އިއްވާފައިވާ 2 ވަނަ މީހާކަމަށްވާ އަހުމަދު ހަސަންއާއި ބައްދަލު ކުރުމަށެވެ.
އޭނާގެ މައްޗަށް ހުކުމް ކުރި ދުވަހާ މިއަދާ އަޅާ ބަލާއިރު ފެންނަ ފެނުމަށް އެއީ ދެމީހެކެވެ. އިވާން ކުރިން ބައްދަލުކުރި ގައިދީއަކީވެސް މިއީއެވެ. ހަސަންއަށްވެސް ދަރިން ތައާރަފުކޮށްދިނީ އިވާންއެވެ. އަދި ހަމަލާ ދިން ސަބަބު ފަހުމްވާން އެ ދަރިން ބޭނުންވާކަމަށްވެސް ބުންޏެވެ.
"އެކުދިންނަށް އެނގެންޖެހޭ. އެކުދިންގެ މަންމަ ވަކިވެގެންދިޔައީ އެކުދިން އިންތިހާއަށް ޅައިރު" މަޑުމައިތިރިކަމާއެކު ބޯ ޖަހާލަމުން ހަސަން ބުންޏެވެ.
"މި ވާހަކަތައް ބައްޕައަށް ކިޔައިދިނިން. މިއަދު މާތް ﷲގެ ރަހުމަތްފުޅުން މިއޮތީ ތިކުންނަށް ކިޔައިދޭނެ ފުރުސަތު އަހަރެންނަށް ލިބިފަ. ފަހަރެއްގައިވެސް ބައްޕައަށް ގެއްލުމެއް ދޭން އަހަރެން ބޭނުމެއް ނޫން. އެކަމަކު އެވަގުތު ބައްޕައަށްވެސް އެތަނަށް އާދެވުނީ. ބޮން ގޮއްވާލި އެސަރަހައްދުގައި އޮތް ކާރެއްގައި އިން އަހަރެންގެ އެކުވެރިޔާ. އަހަރެންގެ އުއްމީދަކީ ތިކުދިން އަހަރެންނަށް މައާފުކުރުން... އަހަރެންނަށް ބޮޑެތި ގޯސްތަކެއް ހެދުނު" ހާދިސާގެ ވާހަކަތައް ކިޔައިދެމުން ދިޔަ ވަރަކަށް ހަސަންގެ އަޑުވެސް ދިޔައީ ކުރެހެމުންނެވެ.
ހަސަން ވާހަކަދައްކަމުންދިޔައިރު ސާރާ އިތީ ހަސަންއަށް ބަލަންށެވެ. އަދި އެކަން ކުރީ ކީއްވެތޯ ހަސަން ކުރެންވެސް އޭނާ އެއްސެވެ.
"އަހަރެންނާ އަހަރެންގެ އެކުވެރިންނަށް ލިބުނީ ނުރަނގަޅު އިލްމެއް. ކުރެވެން އުޅެނީ ކިހާވަރެއްގެ ކޮންފަދަ ކަމެއްކަން އެނގުމުގެ ކުރިން އެއްވެސް ކަމެއް ނުކުރެވުނު ނަމައޭ ހިތަށް އަރާ.
މިހާ ހިސާބުން ސާރާ ފެށީ އޭނާގެ މަންމަގެ ވާހަކައެވެ.
"އެއީ އަހަރެންގެ 5 ވަނަ އުފަންދުވަސް. ޕާޓީއަކަށް ވަރަށް އިންތިޒާރު ކުރިން. ބައްޕަ ގާތު މަންމަ ކޮބައިތޯ އެހުމުން ބުނީ މާތްގެ 'ގޯތީގައި' ކަމަށް. އެއީ ކޮންތަނެއްތޯ އެހުމުން ބައްޕަ ބުނީ އެއީ މިސްކިތޭ. އަހަރެން ދުއްވައިގަތީ މިސްކިތާ ދިމާލަށް. އޭރުވެސް މާމަ އަހަރެން ހޯދާ. މާމައާއި ދިމާވީމަވެސް ބުނިން މިއުޅެނީ މަންމަ ހޯދާށޭ. މަންމަ އަންނަންދެން މަޑުކޮށްގެން އިނީ. އެކަމަކު ދެން ދުވަހަކުވެސް ގެއަކަށް މަންމައެއް ނައި" އުމުރުން އެންމެ 5 އަހަރު ވީ ދުވަހު މަންމަ ވަކިވެގެންދިޔަ ހަނދާންތައް ސާރާ ހިއްސާކުރިއެވެ.
ލޯމަރައިގެން އިން ހަސަން ލޯ ހުޅުވާލުމަށްފަހު ދުއާ ކުރަން ފެށިއެވެ. މައާފު ދެއްވުން އެދި މާތް ހަޟްރަތުގައި ދުއާ ދަންވަމުންދިޔައެވެ.
"ތިކުންދިންނަށް އެކަންކަން ކިޔައިދޭން އަހަރެންނަށް މިވަނީ މަޖުބޫރުވެފަ. އެކަމަކު އެފަދަ ހިތްވަރެއް ނެތް. އަހަރެންނަށް ކަރުނައެއް ނުހިފެހެއްޓޭނެ. ސާރާއަކީ އަހަރެންގެ އަމިއްލަ ދަރިއެއް ފަދަ. އަހަރެންނަށް މައާފުކުރޭ. އާދާސްކޮށްފައި ބުނަން. މައާފު ކުރޭ" ތަނަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރެއިން ހަސަން ބުނެލިއެވެ.
އޭރު އެތަނުގައި ނުރޯ ހަމަ އެކަކުވެސް ނެތެވެ.
ހަސަންގެ މިޒާޖު ހުރި ގޮތުން އެއީ ރަނގަޅު މީހެއްކަން އިވާންއަށް ގަބޫލުކުރެވުނެވެ. އަދި ބޮމުގެ ހަމަލާ ދިން ދުވަސްވަރު އޭނާ ހުރީ ނުރަނގަޅު ބައެއްގެ ނުފޫޒުގައި ޖެހިފައިކަމަށް ވެދާނެކަން ގަބޫލުކުރިއެވެ.
އިވާންގެ ތިން ބަފައިން ހަސަންއާއި ކުރި ބައްދަލުވުން ނިންމާލި ފޮޓޯއަކުންނެވެ. ފޮޓޯއަށް ހުއްޓި ތިބީ އެކެއް އަނެކެއްގެ އަތުގައި ހިފައިގެންނެވެ.
ޖަލުން ނިކުމެ ތިން ބަފައިންވެސް މިސްރާބުޖެހީ އެ ރަށުގައި އޮންނަ ހާއްސަ ގޮނޑު ދޮށަކަށެވެ. އެއީ ގައިދީންނަށް އެތަނެއް ބަލާލުމުގެ ނަސީބު ދުވަހަކުވެސް ނުލިބޭ ސަރަހައްދެކެވެ. އެ ސަރަހައްދުގައި އެ ތިން ބަފައިން އުފާވެރި ވަގުތުތަކެއް ހޭދަކުރިއެވެ.
ކޮންމެ ފަދަ ނުބައި ކަމެއްކޮށްފައިވާ މީހަކުވެސް ބަދަލުވެދާނެކަން ސާރާއަށް ގަބޫލުކުރެވުނެވެ. އެއީ ހަސަން އޭނާއަށް އަނގައިދިން އެއްޗެކެވެ. ސާރާގެ މޫނު މައްޗަށް ވެރިވެފައިވާ އުފާވެރިކަމުގެ ސިއްރަކީ އޭނާގެ ހިތުގައި ވޭން އަޅަމުންދިޔަ ސުވާލުތަކަށް ޖަވާބު ލިބުމުން ކަމަށް ސާރާ ބުންޏެވެ.