ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅި ދަނޑިއަކަށް އަރައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލޭ ބޯޝިމަގު އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި ހޮޅިދަނޑިއަކަށް އަރާ އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ރޭ 9:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ކާރު ދުއްވަން އިނީ 43 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ލިބިފައި ނުވިޔަސް ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިން މީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި މައްސަލާގައި ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

ރޭ ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހިންގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ، ބުރުޒުމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި އެމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ އެހެން ސައިކަލަކުން ޖައްސާ އެކްސިޑެންޓް ކޮށްލާފައިވާ މައްސަލައެއް އެރޭ 10:28 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގި ވަގުތު އެތަނުން އެއް ސައިކަލު ދުއްވަން އިނީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި ސައިކަލު ފަހަތުގައި 22 އަހަރުގެ އަންހެނެކެވެ. މި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އަންހެން މީހާ އައިޖީއެމްއެޗަށް އަދި ފިރިހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގި ވަގުތު އަނެއް ސައިކަލު ދުއްވަން އިނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާއަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗަށް ގެންގޮސްފައި ވާއިރު، އޭނާ ވަނީ އެރޭ 1:45 ހާއިރު މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. އެ އެކްސިޑެންޓް ހިނގާފައި ވަނީ، އެ އެކްސިޑެންޓުގައި މަރުވި މީހާ، ފަހަތުން ގޮސް އަނެއް ސައިކަލުގައި ޖެއްސުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.