ސޯޝަލް މީޑިއާގައި އިއްޔެއާއި މިއަދު ދައުރުވަމުން އަންނަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަޑު ހިމެނޭ އޯޑިއޯތަކާ ގުޅޭ އެއްވެސް މައްސަލައެއް ފުލުހުން ބަލަމުން ނުދާ ކަމަށް ބުނެފިއެވެ.

ފުލުހުން ބުނީ އެފަދަ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެސް ނުވާ ކަމަށެވެ.

އަލީ ވަހީދުގެ އަޑު ހިމެނޭ އޯޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވާން ފެށީ އިއްޔެ އިރު އޮއްސުނުއިރުއެވެ. އަދި އޭގެފަހުން މިއަދުވެސް އޯޑިއޯ ކްލިޕެއް ވަނީ ލީކު ކޮށްލާފައެވެ. އެ އޯޑިއޯ ކްލިޕުތަކުގައި އަލީ ވަހީދުގެ އަޑުން ވާހަކަ ދައްވަކަމުން ގެންދެވީ އެމަނިކުފާނު ގާތް އެކުވެރިއެއް ކަމަށްވާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އާއެވެ.

ފުރަތަމަ ލީކުވި އޯޑިއޯގައި އަލީ ވަހީދު ވަނީ ވަރަށް ހުތުރުބަހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް ވާހަކަދައްކަވާފައެވެ.

އަދި އެޑިޔުކޭޝަން މިނިސްޓަރުގެ "ޕޮލިސީ" ފެއިލް ކޮށްލާނެ ކަމަށް ބުނާ އޯޑިއޯއެއް އާންމުވެފައި ވާއިރު ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ކަމަށް ބުނާ އަންހެން މީހަކާއި އަލީ ވަހީދުގެ އަޑުން ބޭއަދަބީ ވާހަކަ ދައްކާ އޯޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ކޮރަޕްޝަނެއްގެ ވާހަކަ ދައްކާ ދަރަންޏަށް އަރާ ބައި "ހަލާސް" ކޮށްލަން އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ އޯޑިއޯއެއްވެސް ވަނީ މިއަދު އާންމުވެފައެެވެ. އަދި އެ އޯޑިއޯގައި އަޑުބަރޭ ވަނީ ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ ވާހަކަތަކެއް ދައްކަވާފައެވެ. އަޑުބަރޭ ކަމަށް ބުނާ މީހާ ވަނީ ދަރަނިތަކެއް ދައްކާ ނިންމުމަށް ކޮންމެ ވެސް ކަމަކުން އަށް ލައްކަ ރުފިޔާގެ ކަޓެއް ނެގުމާ ގުޅޭ ވާހަކަތަކެއް ދައްކާފައެވެ.

މި އޯޑިއޯތަކާއި ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އެ އޯޑިއޯތަކަކީ އެއްވެސް އަސްލެއް އޭގެ މައްޗަށް ބިނާވެފައިވާ އޯޑިއޯ ކްލިޕުތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެކަމަކީ އެމަނިކުފާނުގެ އަބުރު ކަތިލުމަށް ހިންގާ އަމަލެއް ކަމަށެވެ.