އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީ މާދަމާ ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) 2020 އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މާދަމާ މެންދުރުފަހު 14:30 އިން ރޭގަނޑު 21:30އަށް އޮންނާނެ ކަމަށެވެ.

މާލެސިޓީގައި މި ޕްރައިމަރީގެ ވޯޓު ފޮށިތައް ބެހެއްޓުމަށް ނިންމާފައިވަނީ ތިން ސަރަހައްދެއްގައެވެ. އެއީ ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެއާ ސޯސަން މަގު ސެންޓްރަލް ކެމްޕެއިން ޖަގަހައިގެ އިތުރުން ވިލިމާލެ އެމްޑީޕީ ހަރުގޭގައެވެ.

އެމްޑީޕީން ވަނީ އެޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީ ބާއްވާ އިންތިހާބުގައި ވާދަކުރާނެ ފަރާތްތައް ފައިނަލް ކޮށްފައެވެ. އަދި އެޕާޓީން ވަނީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ކާމިޔާބު ކުރި ފަރާތްތަކުން ކައުންސިލް އިންތިހާބުގައި ވާދަ ކުރުމުގެ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24ވަނަ ދުވަސް ކަމަށެވެ. ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 20ވަނަ ދުވަހުގެ މެންދުރުފަހު 15:00އެވެ.