އިންސާފުވެރިކަމާ އެކުގައި ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިއަދު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އިންސާފާއި ހަމަހަމަ ކަމާ އެކު ދައުލަތުގެ މަތިން ތިރިއަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެކަން އެގޮތަށް ނުވެއްޖެ ނަމަ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ރާއްޖޭގައި ބޮޑުވެގެން ހިނގައިދާނެ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުން ނިކަމެތިވެ އިޖުތިމާއީ ފޭރާން ހަލާކުވެ ގައުމު ބަނޑަށް ޖެހިދާނެ ކަމަށެވެ.

ސައުދު މިފަދައިން ވިދާޅުވީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެއެވެ. ނަމަވެސް މިއަދު ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދި އެއް ހަބަރަކީ، ޓޫރިޒަމް މިނިސްޓަރާއި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކޮރަޕްޝަނެއްގެ ސައްލާ ކުރާ ވާހަކައެވެ. ސްޕްރީމް ކޯޓަށް ގެންނަ ދެ ކާރަކުން 8 ލައްކަ ޑޮލަރު ހޯދާ ވާހަކަތެކެވެ.

ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ މަޖިލީހަށް އިންކަމް ޓެކްސްގެ ބިލެއް ހުށަހަޅާ އެ ބިލު ފާސްވެސް ކޮށްފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގު ކުރެއްވުމުން މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންކަމް ޓެކްސްވެސް އަންނަނީ ނަގަމުންނެވެ.

މި ގާނޫނުގެ ދަށުން ފަރުދުންގެ ޓެކްސް ބިނާކޮށްފައި ވަނީ ޓެކްސް ބިނާކުރެވޭ އާމްދަނީން ފަސް ބްރެކެޓެއްގެ ދަށުން ޓެކްސް ނެގުމުގެ މައްޗަށެވެ. އެގޮތުން ޓެކްސް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު 1 ގައި ހިމަނާފައި ވަނީ 720،000 ރުފިޔާއިން ފެށިގެން ދަށުން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން %0 ގެ ޓެކްސް ނެގުމަށެވެ. ދެވަނަ ބްރެކެޓުގައި ހިމަނާފައި ވަނީ 720،000 ރުފިޔާއާއި 1200،000އާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ % 5.5 ޓެކްސް ނެގުމަށެވެ. ތިން ވަނަ ބުރެކެޓުގައި ހިމަނާފައި ވަނީ 1200،000 އާއި 1800،000 އާއި ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ %8 ޓެކްސް ނެގުމަށެވެ. އަދި ހަތަރު ވަނަ ބުރެކެޓުގައި ހިމަނާފައި ވަނީ 1800،000 އާއި 2400،00 އާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ %12 ޓެކްސް ނެގުމަށެވެ. އެންމެ ފަހު ބުރެކެޓެއްގެ ގޮތުގައި ހިމަނާފައި ވަނީ 2400،000 އަށްވުރެ ބޮޑުނަމަ %15 ޓެކްސް ނެގުމަށެވެ. މިބިލުގައި ބޭންކުތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ އެ ބޭންކެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ %25 (ފަންސަވީސް އިންސައްތަ) ގެ ރޭޓުގައެވެ.

ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ބިލުގައި ދެ ބުރެކެޓެއްގެ ދަށުން ޓެކްސް ނެގުމަށް ހިމަނާފައި ވެއެވެ. އެގޮތުން ފުރަތަމަ ބުރެކެޓްގައި ހިމެނެނީ 500،000 ރުފިޔާއަށް ވުރެ ދަށުގެ ޓެކްސް ބިނާކުރެވޭ އާމްދަނީން %0 ޓެކްސް ނެގުމެވެ. ދެވަނަ ބުރެކެޓުގައި ހިމެނެނީ 500،000 އިން މަތީގެ ޓެކްސް ބިނާކުރެވޭ އާމްދަނީން %15ގެ ރޭޓުގައި ޓެކްސް ނެގުމަށެވެ.

މިބިލުގައި މުވައްޒަފުންގެ ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ޓެކްސް ނެގުމަށްވެސް ފަސް ބުރެކެޓެއް ހިމަނާފައިވެއެވެ. އެގޮތުން މަހެއްގެ މައްޗަށް 60،000 ރުފިޔާއިން ފެށިގެން މަތިން ލިބޭ އުޖޫރައިން ޓެކްސް ނެގުމަށް ފަސް ބުރެކެޓެއް ވަނީ ހިމަނާފައެވެ. އެގޮތުން 60،000 ރުފިޔާއިން ފެށިގެން ދަށުގެ އާމްދަނީން ޓެކްސް ހިމަނާފައި ވަނީ %0 ގައެވެ. 60،000 އާއި 100،000ލައްކަ ރުފިޔާއާ ދެމެދުގެ އާމްދަނީން ޓެކްސް ނެގުމަށް ހިމަނާފައި ވަނީ %5.5 އެވެ. 100،000ރުފިޔާއާއި 150،000 ރުފިޔާއާއި ދެމެދުގެ ޢަދަދުގެ އާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ % 8 އެވެ. 150،000 ރުފިޔާއާއި 200،000 ރުފިޔާއާ ދެމެދުގެ އާމްދަނީން% 12 އެވެ. 200،000 ރުފިޔާއިން ފެށިގެން މަތީގެ އާމްދަނީން ޓެކްސް ނަގާނީ %15 އެވެ.

މި ގާނޫނުގައި އާމްދަނީ ކަނޑައެޅޭނެ ގޮތްތަކާއި އިސްތިސްނާވާ އާމްދަނީއާ އަދި މި ނޫންވެސް ޓެކްސްއާ ބެހޭ ތަފްސީލުތައް ހިމަނާފައިވެއެވެ. މި ގާނޫނު ހިނގާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރި ވެފައިވާ ކޮންމެ ފަރާތެއްގެ އަދި ރާއްޖޭގައި ވަޒަންވެރިވެފައި ނުވި ނަމަވެސް ރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް ހިމެނެއެވެ.