އދ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލް މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.
މަގާމުގެ ފަތްކޮޅު އެރުވުމުގެ ގޮތުން ރައީސް އޮފީހުގައި މިއަދު ހެނދުނު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތަށްފަހު ރައީސް ސޯލިހް ވަނީ އދ އިން ރާއްޖެއަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރާ ބައްދަލުކުރައްވާ، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި، އ.ދ އަކީ ރާއްޖެ ތަރައްގީގެ މަގުގައި ކުރާ މަސައްކަތްތަކުގައި ބޮޑު ދައުރެއް ކުޅޭ ޖަމާއަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ކެތަރިން ހެސްވެލްގެ އިރުޝާދާއެކު އެޖަމާއަތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އެޖަމިއްޔާގެ ބައިވެރިވުން ކުރިޔަށްވުރެ ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ހެސްވެލް ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގެ ފުރިހަމަކަމުގެ މައްޗަށް އަލިއަޅުވާލައްވާ، އެ ޕްލޭންގައިވާ ތަރައްގީގެ އެޖެންޑާ ހާސިލްކުރުމުގައި އދގެ ފަރާތުން ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހެސްވެލްގެ ވާހަކާގައި އދގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމާއި މިންތީގެ ހަމަހަމަކަމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ހެސްވެލް ވަނީ ތައުރީފުކުރައްވާފައިވެއެވެ.
މިބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ރައީސް ސޯލިހް ވަނީ އދ އިން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމާއި، ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓާ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރުގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ، ސަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެވަޑައިގެންނެވިއެވެ.