ލީކްވެފައިވާ އޯޑިއޯތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށާއި އެއީ އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް ބަޔަކު ރާވައިގެން ހިނގާ ގޭމެއް ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވިދާޅުވެއްޖެއެވެ.

އެ އޯޑިއޯއާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަޑުބަރޭ ވިދާޅުވީ އެ އޯޑިއޯއަކީ ސައްހަ އެއްޗެއް ނޫން ކަމަށާއި "ބްލެކްމެއިލް ކުރެވޭނީ ކުރެވޭވަރުގެ މީހުން" ކަމަށެވެ.

އަދި އެއީ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް އިސްވެހުރެ ހިންގާ "ގޭސްގަނޑެއް" ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަންވީ ކަމަށާއި އޭރަށް ހަގީގަތް ސާފުވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އެފްއޭއެފްގެ އިންތިހާބު ބޯމަތިވެފައިވާއިރު މިހާތަނަށް އިންތިހާބަށް ނުކުންނަނީ ބައްސާމް އަދީލް ޖަލީލު އެކަނި ކަމަށް ވެފައި ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތައް ވެސް ވަނީ ބައްސާމަށް ތާއިދުކޮށްފައެވެ. އަލީ ވަހީދު އިސްވެ ހުންނަވައި އިންތިހާބަށް ކެންޑިޑޭޓެއް ނެރެން އުޅޭ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

އައްސަދު އެހެން ވިދާޅުވެފައިވާއިރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއެކު އޭނާ ދައްކާ ވާހަކަތަކެއްގެ އޯޑިއޯ ވަނީ ސޯޝަލް މީޑިއާގައި ލީކްކޮށްލާފައެވެ. އެ އޯޑިއޯއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ ދެ ބޭފުޅުންނަށް ވަނީ އަމާޒުވެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދައުރު ކުރަމުން ގެންދަނީ ސައްހަ އޯޑިއޯއެއް ނޫން ކަމަށާއި އެއީ އަބުރު ކަތިލުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި އޭނާގެ އަޒުމް ގުޑުވާ ނުލެވޭނެ ކަމަށާއި ހައްގަށް އަބަދުވެސް ނަސްރު ލިބޭނެކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައި ވާއިރު ދައުރުވަމުންދާ އޯޑިއޯގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް "ހަޑިހުތުރުބަހުން" އަލީ ވަހީދުގެ އަޑުން ވާހަކަދައްކާ އޯޑިއޯއެއްވެސް ވަނީ އާންމުވެފަވެއެވެ.

އަދި އެޑިޔުކޭޝަން މިނިސްޓަރުގެ "ޕޮލިސީ" ފެއިލް ކޮށްލާނެ ކަމަށް ބުނާ އޯޑިއޯއެއް އާންމުވެފައި ވާއިރު ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ކަމަށް ބުނާ އަންހެން މީހަކާއި އަލީ ވަހީދުގެ އަޑުން ބޭއަދަބީ ވާހަކަ ދައްކާ އޯޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ކޮރަޕްޝަނެއްގެ ވާހަކަ ދައްކާ ދަރަންޏަށް އަރާ ބައި "ހަލާސް" ކޮށްލަން އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ އޯޑިއޯއެއްވެސް ވަނީ މިއަދު އާންމުވެފައެެވެ. އަދި އެ އޯޑިއޯގައި އަޑުބަރޭ ވަނީ ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ ވާހަކަތަކެއް ދައްކަވާފައެވެ. އަޑުބަރޭ ކަމަށް ބުނާ މީހާ ވަނީ ދަރަނިތަކެއް ދައްކާ ނިންމުމަށް ކޮންމެ ވެސް ކަމަކުން އަށް ލައްކަ ރުފިޔާގެ ކަޓެއް ނެގުމާ ގުޅޭ ވާހަކަތަކެއް ދައްކާފައެވެ.