އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނުން ޔަމަނަށް އެންމެ ފަހުން ދިން ހަމަލާގައި އާންމުންގެ 30 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ޔަމަނުގެ މައި ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވަމުންދާ ހޫތީ ހަނގުރާމަވެރިން ބުނެފިއެވެ.
ދާހިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގެ އަލް-ޖައުފް ޕްރޮވިންސަސް އަމާޒުކޮށް ސައުދީގެ އަސްކަރީ ކޯލިޝަނުން ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ ބަޔަކު މަރުވިކަން އދއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިއާއެކު ޔަމަނުގައި ދިރިއުޅެމުންދާ އާންމުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭކަމާ މެދު ބޮޑެތި ސުވާލުތަކެއްވެސް ވަނީ އުފެދިފައެވެ.
އަލް-ޖައުފު ޕްރޮވިންސަށް ސައުދީ ކޯލިޝަނުން ވައިގެ ހަމަލާތައް ދީފައިވަނީ ހަމަ އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ސައުދީގެ އަސްކަރީ މަތިންދާ ބޯޓަކަށް ހޫތީން ހަމަލާދީ، ވައްޓާލިކަމަށް ބުނިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ހޫތީން ބުނި ގޮތުގައި ސައުދީގެ އަސްކަރީ ޖެޓު ވައްޓާލާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާ-ޓު-ގްރައުންޑް މިސައިލްއަކުން ހަމަލާދީގެންނެވެ.
ހޫތީން ބުނާ ގޮތުގައި ސައުދީގެ އަސްކަރީ ކޯލިޝަނުން ދިން ވައިގެ ހަމަލާތަކުގައި އަންހެނުންނާ ކުޑަކުދިންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ. ކަންމިހެން އޮތްއިރު، ހުޅަނގުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވަމުންދާ ސައުދީގެ އަސްކަރީ ކޯލިޝަނުންވަނީ ސައުދީގެ އަސްކަރީ ޖެޓު ވައްޓާލި ސަރަހައްދުގައި ހިންގި 'ސާޗް އެންޑް ރެސްކިއު' އޮޕަރޭޝަންގެ ތެރޭގައި، ގަސްތާއި އިހުތިޔާރުން ބޭރުން ބައެއްގެ ފުރާނަ ގެއްލިފައިވުން އެކަށީގެންވާކަމަށް އިއުތިރާފުވެފައެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ސައުދީ އިސްވެ އޮވެ ހަރަކާތްތެރިވާ އަސްކަރީ ކޯލިޝަނުން 2015 ވަނަ އަހަރު ވަނީ، ހޫތީން ބޭރުކޮށްލާފައިވާ އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރު ނެގެހެއްޓުމަށެވެ. މި ހަނގުރާމައަށް 5 އަހަރުވީއިރު ހައްލެއް ލިބޭނެ ކަމުގެ އަލިމަގެއްގެ ނިޝާންވެސް އަދި ފެންނާކަށް ނެތެވެ.