އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު، އެމްޑީޕީން "ބޮޑުކޮށް" ކާމިޔާބުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މުޅި ރާއްޖޭގައި އިންތިހާބުގެ ޕޯސްޓަރު ހަރުކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ކުރެއްވި ޓްވީޓެއްގަ ޝާހިދު ވިދާޅުވީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރާނީ ބޮޑުކޮށް ކަމަށެވެ.
ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގައި މިނިސްޓަރު ޝާހިދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެރިވެވަޑައިގެންނެވިއެވެ.
ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބަށްވުރެ ބޮޑު ކާމިޔާބެއް ކައުންސިލު އިންތިހާބުގައި ލިބޭނެ ކަމަށާއި ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރާނެ ބަޔަކު ކައުންސިލުތަކުގައި ތިބެން ޖެހޭނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީން ތަފާތު ބޮޑު ނަތީޖާއަކުން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނެ ކަމަށެވެ.