ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ފުޅާވަމުންގޮސް މިހާރު އޮތީ ފުށިދިއްގަރު ފަރަށް އަރާފައި ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ކ. ފުށިދިއްގަރުފަޅުގެ މައްސަލާގައި ދިވެހި ސަރުކާރާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު މައްސަލައެއް ހުށަހަޅާފައިވާކަން ޕްރައިމް ކެޕިޓަލްގެ ފަރާތުން ސަރުކާރަށް ވަނީ އަންގާފައެވެ. މި ކަމަށް ގުޅިގެން އެތާނީ ޖެނެރަލް އޮފީހުން ބުނެފައި ވަނީ، ފުށިދިއްގަރުފަޅުގެ މައްސަލައާ ގުޅިގެން އެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތްކޮށްފައިވާކަން ސާބިތުކުރެވޭ ވަރަށް ތަހުގީގަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް އޭޖީން ބުނެފައި ވެއެވެ.

މި ކަމާ ގުޅިގެން އަލީ ހުސައިން ވިދާޅުވީ، 2025 ގައި ލިބޭނެ ގެއްލުމާއި 2040 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ގެއްލުން މި އަހަރުގައި "އެއްބޮނޑި" އަކަށް ބަނދެފައި ގަނޑުކޮށް ދޭން ނުޖެހޭ ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން އެ ފަޅުގައި 27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ ރެސިޑެންޝަލް އިމާރާތް ނުވަތަ އޮފީސް އިމާރާތް ތަރައްގީކުރުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ 2013، ޖެނުއަރީ 18 ވަނަ ދުވަހުއެވެ.

މީގެ އިތުރުން އެ ފަޅު ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ އޭސީސީ އަށް ވަނީ މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރި އިރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވެފައި ވަނީ ދިވެހި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ޖޮއިންޓް ވެންޗާއެއްގެ ދަށުން ކަމަށް ބަޔާންކޮށްފައި ވެއެވެ.

ނަމަވެސް 2013 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގައި އެ ޖޮއިންޓް ވެންޗާ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަވި ކަމަށް އޭސީސީން ބުނެއެވެ.

އަދި އެގޮތަށް މެދުވެރިވެފައި ވަނީ 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުއައި އިރު، ފަޅުތައް ކުއްޔަށް ދޭއިރު އިކުއިޒިޝަން ކޯސްޓެއް ނަގާ ގޮތަށް ނިންމުމުން ކަމަށް އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ. ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވެސް އަދި އެކަމާ ގުޅޭ ގޮތުން ކޮށްފައިވާ އެހެން މުއާމަލާތްތަކުގައި ވެސް ފަޅު ކުއްޔަށްދޭ އިރު އިކުއިޒިޝަން ކޯސްޓެއް ނެގުމާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއްކޮށްފައި ނުވާކަމަށް އޭސީސީން ބުނެއެވެ.

ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އުފައްދަން ޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީ ކޮށްފައި ވަނީ ވެސް ކޯޓުން އެކަމަށް އަމުރު ކުރުމުން 2014 ވަނަ އަހަރުގައެވެ.