ކަޝްމީރުގެ މައްސަލައަކީ ފިއްތުންތައް ކުރިމަތިކޮށް ހަމަނުޖެހުން އުފައްދައިގެން ހައްލުވާން އޮތް މައްސަލައެއް ނޫންކަމަށާ، އެ މައްސަލައަށް ހައްލު ހޯދުމުގެ އަސާސަކީ އަދުލު އިންސާފާ ހަމަހަމަކަން ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ 2 ދުވަހުގެ ދަތުރުފުޅުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގެން، ތަގުރީރުކުރައްވަމުން އުރުދުޣާން ވިދާޅުވީ، އަދުލު އިންސާފާ ހަމަހަމަކަމުގެ ތެރެއިން ހޯދޭ ހައްލެއް ވެގެންދާނީ އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއްގެ މަސްލަހަތުވެސް އެ ހައްލެއްގައި ހިމެނިގެންދާނެ ހައްލަކަށް ކަމަށެވެ.

އަދުލު އިންސާފާ، ސުލް އަދި މަޝްވަރާގެ ތެރެއިން ކަޝްމީރުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތުރުކީވިލާތުގެ އެއްބާރުލުން ލިބޭނެ ކަމަށްވެސް އުރުދުޣާން ވަނީ ވިދާޅުވެފައެވެ. ކަޝްމީރުގެ މައްސަލައަކީ ޕާކިސްތާނަށް ހައްސާސީ މައްސަލައަކަށް ވާ ފަދައިން، އެއީ ތުރުކީވިލާތަށްވެސް މުހިންމު ކަމެއްކަން އުރުދުޣާންވަނީ ފާހަގަކުރައްވާފައެވެ.

އިނގިރޭސިންގެ އިސްތިއުމާރީ އަޅުވެތިކަމުގައި އިންޑިއާގެ ސަބްކޮންޓިނެންޓް އޮތް ދުވަސްވަރަށް ނިމުން ގެނެސް އިންޑިއާއާއި ޕާކިސްތާނު އުފެދުނުއިރު، އިނގިރޭސިންގެ އަތްދަށުގައި އޮތް ސްޓޭޓްތަކުގެ ތެރެއިން އިންޑިއާ ނުވަތަ ޕާކިސްތާނަށް ކަނޑައެޅިފައި ނެތް ސްޓޭޓްގެ ގޮތުގައި މިއަދު އޮތް ހަމަ އެކަނި ސްޓޭޓަކީ ޖައްމު އާއި ކަޝްމީރުގެ ސްޓޭޓެވެ. މި ސްޓޭޓްގައި އޮންނަނީ ޕާކިސްތާނަށް ވީ ފަޅިއަކާ، އިންޑިއާއާއަށް ވީ ފަޅިއެކެވެ. ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނުން ވަރުގަދަ ހަނގުރާމަތަކެއް ކޮށްފައިވާއިރު، ނިމިދޔަ 2019 ވަނަ އަހަރަކީވެސް ނުރައްކާތެރި ހަނގުރާމައެއްގެ ތުންފަތް މަތީގައި ދެ ގައުމުން ހޭދަކުރި އަހަރެކެވެ.