ފަތުރުވެރިންނަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހުންގެ އަދަދު 7 އަކަށް އަރައިފިއެވެ.
މިމަހު 4 ވަނަ ދުވަހުގެ ހުޅުމާލޭގެ 3 ސަރަހައްދެއްގައި ޗައިނާ ދެމީހަކަށާއި އޮސްޓްރޭލިއާ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި 7 ވަނަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެއެވެ. ފުލުހުން ބުނީ، މި މައްސަލާގައި އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރު ކުރި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ފަތުރުވެރިންނަށް ހަމަލާދިން މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގެ ތެރެއިން ކަމަށެވެ. ފުލުހުން މިހެން ބުނެފައި ވަނީ، މި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައިި ވަނީ ހަމައެކަނި ތޫނުއެއްޗަކުން ހަމަލާދިން މައްސަލާގައިތޯ ނުވަތަ ހަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެ ވީޑިއޯ ތައްޔާރު ކުރި މައްސަލާގައިތޯ އަހާ ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި ބުނެފައި ވަނީ، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެއަކީ "ސުވަރުގެ" ކަމުގައި ބުނެ ދައްކާ ހުވަފެންތައް އަވާމެންދުރަކަށް ވެއްޖެ ކަމަށާއި، އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި 3 މީހަކަށް ވަޅިން ދިން ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށެވެ. އެ ވީޑިއޯގައި ބުނީ، މިއަދުން (އިއްޔެ) ފެށިގެން މިފަދަ ހަމަލާތައް ފަތުރުވެރިންނަށް ދެމުން ދާނެ ކަމަށެވެ. އަދި ދައުލަތުގެ ވެރިން ރައްޔިތުންނަށް އޮޅުވާލައި، ބަހަނާ ދައްކާ އެ މީހުންގެ އަނބިންނާއި ދަރިން ނިގުޅައިގަނެ، އެމީހުން ހައްޔަރުކޮށް، އާއިލާތައް ރޫޅާލާފައި ހަމަޖެހިގެން ނުތިބެވޭނެ ކަމަށެވެ.
ދައުލަތުގެ ވެރިން ދެކެ ބިރުން، ޖަލަށް ދާން ޖެހިދާނެތީ ދީން ވިއްކާލި "މުނާފިގު" ޝެއިހުންނަށް ވެސް އެ ވީޑިއޯގައި ވަނީ އިންޒާރު ދީފައެވެ. އެ ވީޑިއޯގައި ވަނީ މުސްލިމުންނާ ދެކޮޅަށް ބައިނަލްއަގްވާމީ ދުނިޔޭގައި ދެމުންދާ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް ވެސް ގޮވާލާފައެވެ.
ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން 3 މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އަންގާރަ ދުވަހުގެ ރޭ 8:10 ހާއިރު ކަމަށް ބުނެއެވެ. މި ހަމަލާގައި އަނިޔާވެފައި ވަނީ ޗައިނާ ދެ ފިރިހެނުންނަށާއި އޮސްޓްރޭލިއާ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އެމީހުންނަށް ހަމަލާ ދީފައިވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އަނިޔާވި ތިން މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ވާއިރު، އަނިޔާވި ތިން މީހުންގެ ތެރެއިން ޗައިނާ އެކަކަކީ ފަތުރުވެރިއެއް ކަމަށާއި އަނެއް ދެމީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.