ރާއްޖޭގައި އުޅޭ ބިދޭސީއަކު ދިވެހި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ މައްސލައިގައި އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ކޯޓު އަމުރުގެ ދަށުން މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރި ބިދޭސީ މީހާއަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ވަނީ ކޯޓުން އަމުރެއްގެ ދަށުން ކަމަށެވެ. ހައްޔަރު ކުރި ބިދޭސީ މީހާއަކީ ބަނގުލަދޭޝްގެ 40 އަހަަރުގެ ފިރިހެނެކެވެ.

ޖިންސީ ގޯނާގެ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭ ފުލުހުންގެ ޑިވިޝަން އަށެވެ.

ބިދޭސީން ޖިންސީގޯނާ ކުރާ މައްސަލަތަށް އިތުރުވެފައިވާއިރު މިއަދި ވަނީ ބަރަހަނާއަށް ހުރި ބިދޭސީއަކު އަންހެނެއްގެ ގެއަށްވެދެ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި އެމީހާ ހައްޔަރު ކޮށްފައެވެ.

އަދި އިއްޔެ ވަނީ ބިދޭސީ ފިރިހެނަކު ހާއްސަ އެހީއަށް ބޭނުންވާ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ބިދޭސީއަކު ވަނީ ޖިންސީ ގޯނާކޮށްފައެވެ. އަދި އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކަށްވެސް ޖިންސީ ގޯނާކުރި ޒުވާނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ނޯތް ޕޮލިސް ޑިވިޝަނުގެ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ދިިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުންވެސް މިދިޔަ މަހު 31 ވަނަ ދުވަހު އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.