އަލަށް ހަދާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ބުނީ ސީޕްލޭން ޓާމިނަލް ދީފައިވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ބޮޑު މަންފާއެއް ލިބި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ތުހުމަތު ކުރެވޭތީކަމަށެވެ.

އެކަމާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ ސީޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމާއި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި ސީ ޕްލޭން ޓަރމިނަލް އޮޕަރޭޓްކުރުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކާ މަޝްވަރާކޮށްފައިވީނަމަވެސް، އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކުރެވިފައެއް ނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޓާމިނަލް މައްސަލައިގައި އޭސީސީން ޖިނާއީ ތަހުގީގެއް ފަށާއިފައިވާއިރު އާ ސީޕްލޭން ޓާމިނަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭސީސީއަށް ހުށަހަޅާފައި ވަނީ ރައީސް ނަޝީދު މަޖިލިސް މެދުވެރިކޮށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދެއްވުމަށް މަސައްކަތް ކުރައްވާ މައްސަލައެެވެ. މި މައްސަލަ މިއަދު އޭސީސީއަށް ހުށަހަޅާފައި ވަނީ އާންމު ފަރާތަކުންނެވެ.

ސީޕްލޭން ޓާމިނަލާ ގުޅިގެން ރައީސް ނަޝީދުގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު، ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓް ބާރަށް ހިނގަން ފެށުމުން ދިވެހި ސަރުކާރާއި، ޓީއެމްއޭއަށް އެއްބަސް ވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލުގެ ކަންތައް އަވަހަށް ނިންމުން މުހިންމު ކަމަށް ގޮވާލައްވާ އެމަނިކުފާނު ވަނީ ރޭ ޓްވީޓް ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ، ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައި ވާނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށެވެ.

ޓީއެމްއޭގެ މައްސަލާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިން ހުށަހެޅި އެގްރީމަންޓާ އެއްގޮތަށް އަމަލުކޮށް، އެ ކުންފުންޏަށް ހައްގު މިންވަރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އިންވަނީ އެދިފައެވެ.