އާ ސީޕްލޭން ޓާމިނަލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ހިންގަންއުޅޭ "ޖަރީމާ" އެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެވެ.

ޖަމީލް ވިދާޅުވީ އާ ޓާމިނަލަކީ ރޭވިގެން ވަކި ބަޔަކަށް ފައިދާވާގޮތަށް ކުރަން އުޅޭ ކަމެއް ކަމަށެވެ. އަދި އެކަމުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި ޓީއެމްއޭއަށް ޓާމިނަލް ހިންގަން ދިނުމުން އެމްއޭސީއެލްގެ މަތީ މަގާމުތަކުގައި ޓީއެމްއޭގެ ޑިރެކްޓަރުންގެ ބޭފުޅުން ތިއްބެވުމަކީ ހުރި ގާތް ގުޅުން ފެނިގެންދާ ސަބަބެއްކަމަށް ޖަމީލް ފާހަގަކުރައްވާފައި ވެއެވެ.

އެގޮތުން އެމްއޭސީއެލްގެ ބޯޑް މެންބަރަކަށް ހުންނެވި އިބްރާހިމް ނޫރައްދީން ހަމަޖައްސާފައިވާތީ އެކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ޖަމީލް މިހެން ވިދާޅުވެފައި މި ވަނީ ޓާމިންލެގެ މައްސަލައަށް ގޮތެއް ނުހޯދިއްޖެ ނަމަ ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ނަޝީދު ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތްތައް ހިންގާފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށާއި ގޯސް ހެދި މީހުންގެ މައްޗަށް އަވަސް ތަހުގީގެއް ފަށަން ޖެހޭ ކަމަށެވެ. ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި ކަމަށާއި އެ މައްސަލައަށް ގޮތެއް ނުހޯދިއްޖެ ނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އާ ސީޕްލޭން ޓާމިނަލަކީ، ދައުލަތަށް ބޮޑު އާންމުދަނީއެއް ލިބޭނެ ތަނަކަށް ވާއިރު، އެތަން ޓީއެމްއޭއަށް ދޭން ނިންމާފައިވާ ގޮތުން، އެމްއެމްޕީއާރުސީ ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ މާލީ ނަފާ ދައުލަތަށް ގެއްލިގެން ދާކަމަށް މާހިރުން ވިދާޅުވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޓީއެމްއޭއާއި އެކުންފުނީގެ މައިގަނޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލް ކުންފުނިން ވަނީ ސީޕްލޭން ޓާމިނަލްގެ މައްސަލައާ މެދު އެފަރާތުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ޓީއެމްއޭގެ ކަންބޮޑުވުންތައް ހިއްސާކުރަމުން އެ ފަރާތުން ބުނެފައި ވަނީ ޓާމިނަލްގެ މައްސަލައިގައި އެމްއޭސީއެލްއާ ކުރި މަޝްވަރާތަކުގައި ވަރަށް ބޮޑަށް ދޫދީފައިވާނެ ކަމަށާއި ޓީއެމްއޭއިން އެދޭ ހަމައެކަނި ކަމަކީ އެމްއޭސީއެލްއިން ހުށަހެޅި އެގްރީމަންޓާ އެއްގޮތަށް އަމަލުކޮށް، އެ ކުންފުންޏަށް ހައްގު މިންވަރު ދިނުމަށް ކަމަށް ޓީއެމްއޭއިން ބުނެއެވެ.

ޓީއެމްއޭގެ މައިގަނޑު ކަންބޮޑުވުން ފާހަގަކުރައްވަމުން ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވެފައިވަނީ 2017 ވަނަ އަހަރު އެމްއޭސީއެލްއިން އެކުންފުންޏަށް ހުށަހެޅި އެއްބަސްވުމާއި ދެމުން އައި ޔަގީންކަމާ ހިލާފަށް މިހާރު ވަނީ ޓާމިނަލުން ޖާގަ ދީފައި ކަމަށެވެ. އެގޮތުން އެމްއޭސީއެލުން އޭރު އެއްބަސްވުން ފޮނުވި އިރު އޭގައިވަނީ އާ ޓާމިނަލުން އަކަމީޓަރަކަށް 15 ރުފިޔާގެ ރޭޓުން ޖުމްލަ 19،000 އަކަމީޓަރު 15 އަހަރުގެ މުއްދަތަކަށް ދިނުމަށް ކަމަށް ފައުޒީ ވިދާޅުވެއެވެ.

އެމްއޭސީއެލްއިން 2017 ވަނަ އަހަރު ހުށަހެޅި އެއްބަސްވުމުގައި ދެ ކުންފުނިން ކުރެ ކުންފުންޏަކުން ވެސް ސޮއިކޮށްފައި ނުވެއެވެ. ނަމަވެސް ޓީއެމްއޭއިން ބަރޯސާވެގެން ތިބީ އެމްއޭސީއެލުން އެކުންފުންޏަށް އެކި ލިޔެކިޔުންތަކުން ދެމުން އައި ޔަގީންކަމެއްގެ މައްޗަށް ކަމަށާއި، އެކަމާ ގުޅުންހުރި ލިޔެކިޔުންތައް އެބަހުރި ކަމަށްވެސް ފައުޒީ ވަނީ ވިދާޅުވެފައެވެ.

ޓާމިނަލްގެ ސައިޒު ބޮޑުކުރަން ހުށަހެޅި ސަބަބު ހާމަކުރަމުން ޓީއެމްއޭއިން ބުނީ އާ ރިސޯޓުތައް ހުޅުވި، ހިދުމަތް ދެވޭ އެނދުގެ އަދަދު އިތުރުވާ ވަރަކަށް ޓީއެމްއޭގެ ކަސްޓަމަރުން ވެސް އިތުރުވަމުންދާނެ ކަމަށާއި އިތުރު ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށްޓަކައި އިތުރު ޖާގަ ބޭނުންވާނެ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލަކީ، ދައުލަތަށް ބޮޑު އާންމުދަނީއެއް ލިބޭނެ ތަނަކަށް ވާއިރު، އެތަން ޓީއެމްއޭއަށް ދޭން ނިންމާފައިވާ ގޮތުން، އެމްއެމްޕީއާރުސީ ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ މާލީ ނަފާ ގެއްލިގެން ދާކަމަށް މާހިރުން ވިދާޅުވެއެވެ.