ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މޯލްޑިވްސް އެއާޕޯޓް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް) ގެ މައްސަލައަށް ގޮތެއް ނުހޯދިއްޖެ ނަމަ ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތްތައް ހިންގާފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށާއި ގޯސް ހެދި މީހުންގެ މައްޗަށް އަވަސް ތަހުގީގެއް ފަށަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި ކަމަށާއި އެ މައްސަލައަށް ގޮތެއް ނުހޯދިއްޖެ ނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މައްސަލާގައި ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި އެދިވަޑައިގެންފައި ވަނީ ދެފަރާތް އެއްބަސްވާގޮތަށް ޓާމިނަލްގެ ކަންކަން ނިންމުމަށާއި ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓް ބާރަށް ހިނގަން ފެށުމުން، ދިވެހި ސަރުކާރާއި ޓީއެމްއޭއަށް އެއްބަސް ވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުން މުހިއްމު ކަމަށެވެ.
އަދި ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައި ވާނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އާ ސީޕްލޭން ޓާމިނަލަކީ، ދައުލަތަށް ބޮޑު އާންމުދަނީއެއް ލިބޭނެ ތަނަކަށް ވާއިރު، އެތަން ޓީއެމްއޭއަށް ދޭން ނިންމާފައިވާ ގޮތުން، އެމްއެމްޕީއާރުސީ ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ މާލީ ނަފާ ގެއްލިގެން ދާކަމަށް މާހިރުން ވިދާޅުވެއެވެ.