ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެމްޑީޕީގެ ޕްރައިމަރީ އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ ހޯމާ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 7:30 އަށް ކަމަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޕްރައިމަރީ ފަސްކޮށްފައި ވާއިރު، ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ޕްރައިމަރީގެ ތެރެއިން ވޯޓު ބާތިލް ކޮށްފައިވާ ގއ. އަތޮޅު ކައުންސިލްގެ ޕްރައިމަރީ އާއި އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ޕްރައިމަރީ ބާއްވާފައެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓު ލުމުގައި ގއ. މާމެންދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ލި ވޯޓުކަރުދާސްތައް އަންދާލައިފައި ވަނީ މިދިޔަ މަހު 31 ގައި ބޭއްވި ޕްރައިމެރީގެ ވޯޓުލުމުގެ ތެރެއިންނެވެ. އެ މައްސަލަ ހޫނުވީ އިދާރީ މޭޒުގައި ހުރި ކަރުދާސްތަކެއް މީހަކު ގޮސް ވީދާލުމާ ގުޅިގެންނެވެ. އެހިސާބުން އެ ސަރަހައްދަށް މީހުން އެއްވިއެވެ. އަދި އަޑުގަދަކުރަން ފެށުމުން ވޯޓުލުން މެދުކަނޑާލިއެވެ.

އެގޮތުން އިދާރީ މޭޒު ކައިރިއަށް އެއްވެފައި ތިބި ބައެއް މީހުން ވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ. ބައެއް ފަރާތްތަކުން އަންނަނީ ވޯޓު ފޮއްޓަށް "ވަގު ވޯޓު" އެޅި ކަމުގެ ތުހުމަތުވެސް ކުރަމުންނެވެ.