ދިވެހިންނަށް ވިސާއާ ނުލައި ސައުދީއަށް ދެވޭގޮތް ހަމަޖައްސައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެ ގައުމުން ރާއްޖެއަށް ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޭން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސައުދީ ވަލީ އަހުދާ ދެމެދު އޮންނަ ގާތްގުޅުމުގެ ސަބަބުންކަމަށެވެ.
ސައުދީ އަރަބިއްޔާއަކީ ދިވެހިރައްޔިތުން ވަރަށް މުހިންމު ބޭނުންތަކެއްގައި ދަތުރުކުރާ ގައުމެއްކަމަށާއި ސައުދީ ރަސްގެފާނުގެ އެ މުހިންމު ނިންމެވުމާއެކު، ސައުދީއަށް ދަތުރުކުރާ ދިވެހިރައްޔިތުންނަށް، އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އެކަމުން ދައްކައިދެނީ ދިވެހިރާއްޖެއާއި ސައުދީއާ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް އަހުވަންތަ ގުޅުމާއި، ސައުދީ ލީޑާޝިޕުން ދިވެހި ރައްޔިތުންނަށާއި މިހާރުގެ ސަރުކާރަށް ބަހައްޓަވާ ހާއްސަ އަހައްމިޔަތުކަން ކަމަށެވެ.
އަދި ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ހިގައްޖެކަމުގެ ހެއްކެއްކަމުގައިވެސް މިނިސްޓާ ޝާހިދު ވިދާޅުވިއެވެ. އޮން-އެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިގެންދިއުމާއެކު ދިވެހިރައްޔިތުންނަށް އެ ވިސާގައި ސިންގަލް އެންޓްރީއެއް ނަމަ، އެއް މަސް ދުވަހުގެ މުއްދަތަށް ހުރެވޭނެކަމުގައިވެސް މިނިސްޓާ ޝާހިދު ދެންނެވިއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ސިންގަލް އެންޓްރީ ވިސާއެއްގައި އެތެރެވާ ފަރާތްތަކަށް އެއް މަސްދުވަހުގެ މުއްދަތަށް ސައުދީ އަރަބިއްޔާގައި ހުރެވޭއިރު މަލްޓިޕަލް އެންޓްރޯ ވިސާއެއްގައި 3 މަސްދުވަހުގެ މުއްދަތަށް ހުރެވޭނެއެވެ. މި މުއްދަތު ހަމަވެ ސައުދީ އަރަބިއްޔާގައި ހޭދަވާ ކޮންމެ ދުވަހަކަށް 100 ސައުދީ ރިޔާލްގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ.
ސައުދީއަށް އެތެރެ ވުމަށްޓަކާ ޕްރޮސެސިން ފީއާއި ވީ.އޭ.ޓީ ނުލައި ވިސާ ފީގެ ގޮތުގައި 440 ރިޔާލް ދައްކަން ޖެހޭނެއެވެ.