ގާނޫނީ ވާޖިބު އަދާކުރުމުގައި ރައްޔިތުންގެ އިތުބާރާ، އިންވެސްޓަރުންގެ އިތުބާރު އެ މިނިސްޓްރީން ނަގަހައްޓާ ދަމަހައްޓާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިފަދައިން ބުނެފައިވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް އެއްވެސް ފަޅުރަށެއް ކުށްޔަށް ދޫކޮށްފައި ވޭތޯއާއި، ދީފައިވާނަމަ އެ ރަށެއްގެ ލީސް އެގްރީމަންޓްގެ ކޮޕީއެއް ހޯދުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން އެ މިނިސްޓްރީއަށް ހުށަހެޅި މައުލޫމާތު ހޯދަން އެދޭ ފޯމާ ގުޅޭގޮތުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި މައްސަލައާ ގުޅިގެން ޓްރޭޑް ޔޫނިއަނަށް ޖަވާބު ދީފައި ވާނެ ކަމަށާއި، އެކަން ވާނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވެސް އަންގާފައި ކަމަށެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވާއިރު، އެމްއެމްޕީއާރްސީއިން ރަށްތަކުގެ އެގްރީމަންޓުތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން މޯލްޑިވްސް ޓްރޭޑް ޔުނިއަންއަށް ނުދިން ކަމަށް ބުނެ، އެ މައުލޫމާތު ދޭން ޖެހޭ ކަމަށް އިންފޮމޭޝަން ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ޓްރޭޑް ޔޫނިއަންއިން މައުލޫމާތު ހޯދަން އެދުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން މައުލޫމާތަށް އެދޭ ފަރާތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެއްވެސް ހާލެއްގައި އެ މުއްދަތު 21 ދުވަހަށް ވުރެ ދިގުވެގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި މައުލޫމާތު ނުދިނުމަކީ މައުލޫމާތު ދޭން ދެކޮޅު ހެދުން ކަމަށް ބެލެވޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ މިނިސްޓްރީގެ ސިވިލް ސާވިސް އެއްވެސް މުވައްޒަފަކަށް ބިރުދެއްކުމުގެ ގޮތުން ކުރެވޭ އެއްވެސް އަމަލެއް އެ މިނިސްޓްރީން ބަލައި ނުގަންނާނެ ކަމާސެވެ. އަދި ޕޮލިސީ ލެވެލް ކަންކަމުގައި ޒިންމާވެ ޖަވާބުދާރީ ވާނީ މިނިސްޓްރު އަދި މިނިސްޓްރީިގެ ސިޔާސަތު ނިންމާ ޕޮލިސީގެ މުވައްޒަފުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، އިތުރަށް ސާފު ކުރަން ޖެހޭ މައުލޫމާތެއް އޮތްނަމަ، މަޖިލީހުގައި ނުވަތަ ޝަރުއީި ކޯޓެއްގައި ވިޔަސް ޖަވާބުދާރީ ވާން ތައްޔަރު ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުން، ގާނޫނީ ގޮތުން ހިންގާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް، ނުވަތަ ހިނގަމުންދާ ޝަރީއަތެއްގައި މައްޗަށް ބިނާކޮށް ގާނޫނީ އިމްތިޔާޒު ލިބިގެންވާ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާތަކަށް ލިބިގެންވާ ކަމަށެވެ. އަދި މައުލޫމާތު ހޯދުމުގެ ހައްގާއި ރައްޔިތުންގެ ހައްގަކީ "ކުޅޭކުޅޭ" އެއްޗެއް ނޫންކަން އެ މިނިސްޓްރީން ފުރިހަމައަށް ގަބޫލުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.