ބޯހިޔާވަހިކަމުގެ މައްސަލައިގައި ފިތުނަވެރިކަން އުފެދޭ ޒާތުގެ ވާހަކަ ދެއްކުމުން ދުރުހެލިވާންޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައި ވަނީ ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ޖެހިފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައި އޮތް ފަދަ ކަމެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވެފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ އެތައްހާސް އާއިލާއަކަށް ދިމާވެފައިވާ މައްސަަލައެއް ކަމަށެވެ. އަދި ބޯމައްސަލައަކީ ހިޔާވެހިކަމުގެ މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލު ކޮށްދެވިފައި ނުވާ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ އެތައްހާސް އާއިލާއަކަށް ދިމާވެފައިވާ، އަދިމިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލުކޮށްދެވިފައިނުވާ މައްސަލައެއް. މިފަދަ ހައްސާސް މައްސަލައެއްގައި ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން އުފެދޭ ޒާތުގެ ވާހަކަ ދެއްކުމުން ދުރުހެލިވާންޖެހޭ.
އުޝާމް

އަނދުން ހުސައިން ވިދާޅުވެފައި ވަނީ މާލޭގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ "ކޯސްޓު ކިރު ދަޅެއް" ވަރުގެ ޖާގައެއްގައި ކަމަށާއި މާލޭގެ އިންޑަސްޓްރިއަލް ޒޯނުން މާލެ ރައްޔިތުންނަށް މި ސަރުކާރުން ބިން ދޫކުރާނެ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ނުލިބުމުގެ ބަދުނާމު އަނދުން ހުސައިން އެޅުއްވީ "ރާއްޖެތެރޭ" މީހުންގެ ބޮލުގައެވެ.