އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އިސްލާމިކް މޫވްމަންޓް ޖަމާއަތުގެ ލީޑަރު އަދި 3 ފަހަރެއްގެ މަތިން އުއްމު އަލް-ފަހުމުގެ މޭޔަރުކަން ކޮށްފައިވާ އިމާމު ރާއިދު ސަލާހްގެ މައްޗަށް، އިސްރާއީލުގެ ކޯޓަކުން 28 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ހައިފާގެ މެޖިސްޓްރޭޓް ކޯޓުން އިމާމު ރާއިދު ސަލާހުގެ މައްޗަށް 28 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، 2017 ވަނަ އަހަރު ގުދުސްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ. އެ މައްސަލާގައި އިމާމު ރާއިދު ސަލާހުގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ ޓެރަރިޒަމްގެ ބިރުވެރިކަން އުފެއްދުމަށް އޭނާ މަސައްކަތްކޮށްފައިވާކަމަށާ، ޓެރަރިޒަމަށް ހިތްވަރު ދީފައިވާކަމަށެވެ.

ޔަހޫދީ ދީނުގައި ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ޓެމްޕަލް މައުންޓް ނުވަތަ ހަރަމް އަލް-ޝަރީފު މިސްކިތުގެ ގޯތި ތެރޭގައި 2017 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ 2 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އިސްރާއީލުން ވެރިވެގެންފައިވާ ގުދުސްގެ ބިމުގައި 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ހަމަނުޖެހުން ހިންގާފައިވަނީ އިމާމު ރާއިދު ސަލާހް ނިސްބަތްވާ ރަށުގެ މީހުން ކަމަށްވެއެވެ.

މިމައްސަލާގައި އިމާމު ރާއިދު ސަލާހުގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް އެނާއަށް 45 ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. މިކަމާ ބެހޭ ގޮތުން އިމާމު ރާއިދު ސަލާހުގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.