ކ. މާފުށީގައި ބިކިނީލައިގެން ހުއްޓާ ފުލުހުން ހައްޔަރުކުރި އަންހެން ފަތުރުވެރިޔާގެ ކިބައިން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ އިނގިރޭސި ބަހުން ވާހަކަދައްކަވާ އެ ހާދިސާގައި ކަން ހިނގާދިޔަ ގޮތުން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވަނީ އޭނާ އަލުން އަނބުރާ ރާއްޖެ އައުމަށް އެމަނިކުފާނާއި ޓޫރިޒަމް މިނިސްޓްރީން ދައުވަތު އަރުވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެކަން ހިނގައި ދިޔަ ގޮތް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަފްސީލް ކޮށްދެއްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން މިއަދު ވިދާޅުވެފައިވާއިރު ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ ގޯސްކޮށް ނޫން ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން އެކަމާއި ނަޝީދު ވަނީ އިއްޔެ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށާއި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް، ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އެއަށްވުރެ ރަނގަޅަށް އެ ހާލަތު [ފަތުރުވެރިޔާ ހައްޔަރުކުރުން] ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ނަމަވެސް އެ ގޮތަށް އެހެން ނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ސަލާމަތީ ނަޒަރުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ އެހާ ގޯސް ކަމަށް ދެންނެވޭކަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި އަންހެން ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަތުރުވެރިޔާ އާއި އާންމުންގެ ފަރާތުން ފުލުހުން ވަނީ މައާފަށް އެދިފައެވެ.

ފުލުހުން ބުނެފައި ވަނީ ކ. މާފުށިން އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރަން ޖެހުނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް އެ ރަށުތެރޭގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބުމުން ކަމަށެވެ. އާންމުން ދިރިއުޅޭ ހިސާބުތަކުގައި ފަތުރުވެރިން "ބިކިނީ" ގައި އުޅުމަކީ މަނާކަމެކެވެ. އަދި އެކަން އެ ފަތުރުވެރިޔާއަށް ވިސްނައިދޭން އެވަގުތު އެތަނަށް ދިޔަ ފުލުހުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ވަނީ ބާރުގެ ބޭނުންކޮށް ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރި ވެފައިވަނީ އަންހެން ފުލުހުން އެ ރަށުގައި ނެތުމުން ކަމަށްވީ ނަމަވެސް އެފަދަ ހާދިސާއެއްގައި އެއަށް ވުރެން ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ދެކޭ ކަމަށްވެސް ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ރައްޔިތުންނާ އެއްފަދައިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ފުލުހުން އިސްކަންދޭ ކަމަށެވެ. އެހެންކަމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ވެސް އާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކުގައި އުޅޭއިރު ހެދިފައިވާ ގަވާއިދުތަކާ އުސޫލުތަކަށް ބޯލަނބާ ކިޔަމަންތެރިވުމަށް ވެސް ފުލުހުންގެ އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ފަތުރުވެރިޔާ ހައްޔަރުކުރި ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު ބޭރު ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް މި މައްސަލަ ވަނީ އައިސްފައެވެ.