ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ކަނޑައަޅައިފިއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މައިނޯރިޓީ ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ މެންބަރުން ކޮންޓޯލް ކުރާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ހިމެނޭ ޕާޓީގެ ޕީޖީ ލީޑަރެވެ. އެގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޮޕޮޒިޝަން ލީޑަރަކީ ސަލީމް ކަމަށް މިއަދު ރިޔާސަތުން ވަނީ އިއުލާން ކޮށްފައެވެ.

މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، މިއަދަކީ ޕީޕީއެމަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި މިއަދު ޕާލިމެންޓުގެ އިދިކޮޅު ލީޑަރު ހޮވިގެން ހިނގައްޖެ ކަމަށެވެ.

ސަލީމް ވިދާޅުވީ، މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި މައިނޯރިޓީއަކީ އިހްތިރާމްކުރަން ޖެހޭ ބައެއްކަން އަބަދުވެސް ބަލަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ގިނަފަހަރު ވާގޮތަކީ ބާރު ލިބުމާ އެކީގައި ކޮންމެ ބައެއްވެސް ދެން އިދިކޮޅު އެއީ ނެތް ބައެއްކަމަށް ހަދާކަން ފާހަގަކުރެވޭ ކަމަށެވެ.

"ގިނަފަހަރަށް ވެރިކަން ކޮންމެ ބަޔަކަށްވެސް ލިބުމާ އެކީގައި ދެން އެއީ ހަމަަ އެއް ޕާޓީއެއްގެ ހިންގުން. ހަގީގަތުގައި އިދިކޮޅެއް ނޯވޭ. އިދިކޮޅަށް އިހްތިރާމް ކުރުމެއްވެސް ނެތް."
އަހުމަދު ސަލީމް

ހަގީގަތުގައި މަލްޓިޕާޓީ ޑިމޮކްރަސީއެއް ގަބޫލު ކުރައްވާ ކަމަށް ވާނަމަ އިތުރު ޕާޓީތައް ހުންނާނެ ކަން ގަބޫލުކުރަން ޖެހޭނެ ކަމަށާއި، އިތުރު ޕާޓީތަކާއެކު މަޝްވަރާ ކުރަންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ގައުމު ކުރިއަށްދާނީ ގައުމުގެ މަސްލަހަތަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ސަލީމް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މައިނޯރިޓީ ލީޑަރު ހުށަހަޅަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ރިޔާސީ ބަޔާނަށް ދޭ ޖަވާބު ވީހާ ވެސް އަވަހަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

މައިނޯރިޓީ ލީޑަރަކަށް ސަލީމް ވެވަޑައިގެންނެވީ އިދިކޮޅު ޕީޕީއެމްއަކީ މި ދެވަނަ އެންމެ ގިނަ ގޮނޑި މަޖިލީހުގައި ތަމްސީލްކުރާ ޕާޓީއަށް ވުމުންނެވެ. ކުރިން 5 މެންބަރުން ޕީޕީއެމް ތަމްސީލްކުރަން ތިއްބެވިއެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހުތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ޕީޕީއެމްއާ ގުޅިވަޑައިގަތުމުން މިހާރު ޕީޕީއެމްގެ 6 މެންބަރުން މަޖިލީހުގައި ތިއްބަވާނެއެވެ.