އައްޑޫ ސިޓީ ހިތަދޫގައި ވިިޔަފާރި ކުރަން ބޭނުންކުރާ ގާޑިޔަލެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނީ މަގުމަތީގައި ހުރި ގާޑިޔަލެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 5:45 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފްގެ ސަދަން އޭރިޔާގެ ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާގައި ގާޑިޔާ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު އެއްވެސް މީހަކަށް އަނިޔާއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އައްޑޫގައި ވިޔަފާރިކުރަން ބޭނުންކުރާ ގާޑިޔަލެއްގައި ރޯވެފައި / ފޮޓޯ: އެމްއެންޑީއެފް

މި ފަހަކަށް އައިސް އަލިފާނުގެ ހާދިސާތަށް ހިނގަމުންދާލެއް ގިނަ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ މަހު 14 ވަނަ ދުވަހު ގދ.ގައްދޫ ގެއެއްގެ ތެރޭގައި ހުރި ސައިކަލެއްގައި ވަނީ ރޯކޮށްލާފައެވެ. އަދި 28 ވަނަ ދުވަހު މާލޭގެ ގެއެއްގެ ބަދިގެއްގައި ހުރި ގޭސް ފުޅިއެއްގެ ހޮޅީގައި އަލިފާން ރޯވެ ހާދިސާއެއް ވަނީ ހިނގައިފައެވެ.