2020 ވަނަ އަހަރު ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ރަނގަޅު ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ހޮވިއްޖެއެވެ.

ބޭރުގެ ވިޔަފާރި ހަބަރުތަށް ގެނެސްދޭ "ބިޒްނަސް ވަޔާ" އިން އާންމުކުރި ރިޕޯޓެއްގައި ބުނާގޮތުން މިއަހަރު އުރީދޫއަކީ ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރެެގައި ހިމެނޭ ކުންފުންޏެކެވެ.

އެ ރިޕޯޓު ބުނާގޮތުން އެންމެ ރަނގަޅު ކުންފުންޏަކަށް ހޮވޭ ފަރާތްތަކަށް ސެޓްފިކެޓް ލިބޭނީ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި ހިތްހަމަ ޖެހިގެން އުޅުމާއި މުވައްޒަފުންގެ ކުރިއެރުމާއި ތަރައްގީއަށް ބެލުމަށް ފަހެވެ.

ކުންފުނީގެ މަސައްކަތުގެ މާހައުލަށް ބަލާ، އެކި ދާއިރާތަކުން ވަނީ އުރީދޫއަށް އެހެން ކުނފުނިތަކާ އަޅާބަލާއިރު ލިބިފައިވާ މާކްސްއަ ށްވުރެ މަތިން މާކްސް ލިބިފައި ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

މިކަމާ ގުޅިގެން އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ އެކުންފުނީގެ ލަނޑުދަނޑި ތަކަކީ އުރީދޫ ހިންގުމާ ސަގާފަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަން ކަމަށާއި އެ ކުންފުނީގެ މައިނާރު ބިނާވެފައި އޮންނަނީ ތިން ލަނޑުދަނޑިއެއްގެ މައްޗަށް ކަމަށެވެ. އަދި އެއީ އުރީދޫގެ މަސައްކަތުގެ ރޫހާ ގުޅިފައިވާ އަދި އޭގެ އިތުރުން ކަސްޓަމަރުންނާއި އެ ކުންފުންޏާ ދެމެދު ހަރުދަނާ ގުޅުމެއް ގާއިމުކުރުމަށް އެހީލިބޭ ކަންކަމެއް ކަމަށެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި އުރީދޫގެ ކޮންމެ މުވައްޒަފަކީވެސް އުރީދޫގެ ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ފަރާތްތެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަޅުގަނޑުމެންގެ ކޯ ވެލިއުސް ތަކަކީ އަޅުގަނޑުމެންގެ ކުންފުނީގެ ހިންގުމާ ސަގާފަތާވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަން. އުރީދޫއަކީ ހަމައެކަނި އަޅުގަނޑުމެން ކަންތައްތައް ކުރާ ގޮތަކުން ހާއްސަކަން ލިބިގެންވާ ކުންުފުންޏެއް ނޫން. އުރީދޫ ހާއްސަވަނީ އަޅުގަނޑުމެން ކަންތައްތައް ކުރުމަށް ބޭނުންކުރާ އުކުޅުތަކާއި އަދި ކަންތައްތައް ހާސިލުކުރާ ގޮތް ތަފާތުވުމުން. އަޅުގަނޑުމެންގެ ކުންފުނީގެ މައިނާރު ބިނާވެފައި އޮންނަ ތިން ލަނޑުދަނޑިއެއް އޮވޭ. އެއީ، އިހުތިރާމާއި އަޅާލުން، މުއާސަލާތީ ގުޅުމުން ގުޅުވާލަ ދިނުން އަދި ކަންކަމާ ކެރިގެން ކުރިމަތިލުން. މިދެންނެވުނު ކަންކަމަކީ އަޅުގަނޑުމެންގެ އަސްލު. އަދި އަޅުގަނޑުމެންނަކީ ކޮންބައެއްކަން ބުނެދޭވެސް ކަން. އަދި މިއީ އަޅުގަނޑުމެންގެ މަސައްކަތުގެ ރޫހާ ގުޅިފައިވާ އަދި އޭގެ އިތުރުން ކަސްޓަމަރުންނާއި މިކުންފުންޏާ ދެމެދު ހަރުދަނާ ގުޅުމެއް ގާއިމުކުރުމުގައި އަޅުގަނޑުމެންނަށް އެހީލިބޭ ކަމެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އުރީދޫގެ ކޮންމެ މުވައްޒަފަކީވެސް އުރީދޫގެ ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ފަރާތެއް.
އުރީދޫގެ ސީއީއޯ ނަޖީބު ހާން

މިކަމާ ގުޅިގެން އުރީދޫގެ އެޗް.އާރު ޑިރެކްޓަރު ފަޒްނާ މަންސޫރު ވިދާޅުވީ އުރީދޫގެ ހުރިހާވެސް ކާމިޔާބަކާ ކުރިއެރުމެއްގެ ތައުރީފު ހައްގުވަނީ އުރީދޫގެ ގާބިލު، ތަމްރީނު ލިބިފައިވާ އަދި ކުޅަދާނަ މުވައްޒަފުންނަށް ކަމަށެވެ.

އަޅުގަނޑުމެންގެ ހުރިހާވެސް ކާމިޔާބަކާ ކުރިއެރުމެއްގެ ތައުރީފު ހައްގުވަނީ އަޅުގަނޑުމެންގެ ގާބިލު، ތަމްރީނު ލިބިފައިވާ އަދި ކުޅަދާނަ މުވައްޒަފުންނަށް. އަޅުގަނޑުމެންގެ އިންސާނީ ވަސީލަތް ގާއިމުކޮށް ހިންގުމުގައި ވެސް އެންމެ ބޮޑަށް ބަލަނީ އުރީދޫގެ އެކިއެކި މަސްއޫލިއްޔަތުތަކަށް ހޮވަނީ އެކަމަށް އެންމެ ގާބިލު މީހުން ހޮވުމަށެވެ. އެއީ މުވައްޒަފުންގެ ހިންގުންތެރިކަމާ މުރާލިކަމަކީ އުރީދޫގެ މިހާރުގެވެސް އަދި މުސްތަގުބަލުގައިވެސް މިކުންފުނި ކުރިއެރުމުގެ ފަހަތުގައި އޮންނާނެ އެންމެ ވަރުގަދަ ސަބަބު ކަމަށްވާތީ
ޒްނާ މަންސޫރު، އެޗް.އާރު ޑިރެކްޓަރު

މީގެ އިތުރުން މިކަމާ ހުޅިގެން އުރީދޫގެ ޕްރޮގްރާމް މެނޭޖަރު ހަމްޒާ އިދްރީސީ ވިދާޅުވެފައި ވަނީ އުރީދޫ ވަނީ ވަޒީފާގެ މާހައުލަށް ނިކުންނަ ފަރާތްތަކަށް އެންމެ ބޮޑަށް އިހުތިޔާރު ކުރެވޭ ކުންފުންޏެއްގެ ގޮތުގައި ފައިތިލަ ސާބިތުކޮށް އެހެން ކުންފުނިތަކަށް އޮތް މިސާލެއްގެ ގޮތުގައި ވެފައި ކަމަށެވެ. އަދި އުރީދޫ އަކީ، ކުންފުނީގައި ހިމެނޭ މުވައްޒަފުންގެ ވަޒީފާއާއި ކުރިމަގު އެމީހުން ހިތްހަމަޖެހޭ ފަދަ މަގުތަކުން އެމީހުން އަމިއްލައަށް އިހުތިޔާރު ކުރުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށްވެސް ހަމްޒާ ވިދާޅުވެފައިވެއެވެ.

2020 ވަނަ އަހަރު ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ރަނގަޅު ކުންފުންޏަކަށް އުރީދޫ ހޮވިފައިވާއިރު މިދިޔަ އަހަރުގެ "ބިޒްނަސް އޮފް ދަ އިޔާ" އެވޯޑްވެސް ލިބިފައިވަނީ އުރީދޫއަށެވެ. އަހަރުގެ އެންމެ މޮޅު ކުންފުނީގެ އެވޯޑު އުރީދޫއިން ކާމިޔާބު ކުރި އިރު، އެކުންފުނިން ވަނީ 2018 ވަނަ އަހަރުގެ ބިޒްނަސް އެވޯޑްސްގައި ކާމިޔާބުކުރި ދެ އެވޯޑެއް މިދިޔަ އަހަރުވެސް ހޯދާފައެވެ.

އެއީ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދި އިޔާ" އެވޯޑާއި "އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން" އެވޯޑެވެ.