ސޫދާންއާ އިސްރާއީލާ ދެމެދު އޮތް ޒަމާންވީ ހަތުރުވެރިކަމުގެ ގުޅުން ކަފުންކޮށް، ދެފަރާތުގެ މެދުގައި އާންމު އުސޫލުން ގުޅުންތައް ބަދަހިކުރަން ސޫދާންއިން ނިންމި ނިންމުމަކީ 'ބޭވަފާތެރިވުމުގެ' އަމަލެއްގެ ގޮތުގައި ފަލަސްތީނުން ސިފަކޮށްފިއެވެ.
އިސްރާއީލާ ސޫދާންގެ ލީޑަރުންނާ ދެމެދު ކުރިއަށްދިޔަ ބައްދަލުވުން ކުށްވެރިކުރައްވާ ފަލަސްތީނުގެ ލީޑާޝިޕުން ވިދާޅުވީ، އެއީ ނޭނގި ހުއްޓާ މޫނު މަތިން ދަޅަ ދެއްކުމަށްފަހު ފަހަތުން ގޮސް ބުރަކައްޓަށް ވަޅިއެއް ހެރުން ފަދަ ޖަރީމާއެއް ކަމަށެވެ.
ސޫދާންގެ ލީޑަރު ޢަބްދުލް ފައްތާޙު އަލް-ބުރުހާންއާއިއެކު އިސްރާއީލުގެ ޚުދުމުޚުތާރު ޔަހޫދީ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ސިއްރު ބައްދަލުވުމެއް ކުރިއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހު، ޔޫގާންޑާގައެވެ.
ސޫދާންއިން މި ބައްދަލުވުމަށް ހާޒިރުވެފައި މިވަނީ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެކުލަވާލެއްވި ޕްލޭން ކުށްވެރިކޮށް، އަރަބި ލީގުން ފާޅުކުރި ޝުއޫރުގައިވެސް ސޫދާންއިން ބައިވެރިވުމަށްފަހުގައެވެ.
ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކްރެޓަރީ ޖެނެރަލް އަދި މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނުގެ ފަރާތުން އިސްކޮށް ހުންނަވާ ވަކީލު ސާއިބު އުރައިގާތު ވިދާޅުވީ، ފަލަސްތީނު ދައުވާ 'ކަފުންކުރުމަށް' ޓްރަމްޕާ ނަތަންޔާހޫ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ސޫދާންއިން ހިންގި އެ އަމަލަކީ، ފަލަސްތީނުގެ ރައްޔިތުންގެ ފަހަތުން އައިސް އެ ރައްޔިތުންގެ 'ބުރަކައްޓަށް ވަޅި ހެރުން' ފަދަ ޖަރީމާއެއް ކަމަށެވެ.
މިދަނޑިވަޅުގައި ޔޫގާންޑާއިންވަނީ ގުދުސްގައި އެގައުމުގެ އެމްބަސީއެއް ހުޅުވާނެކަންވެސް އިއުލާންކޮށްފައެވެ. އުރައިގާތު ވަނީ މިކަންވެސް ކުށްވެރި ކުރައްވާފައެވެ. ޓްރަމްޕް ވަނީ، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ހަމަޖައްސަވާ، އެކަން އިއުލާންކުރައްވާ، 2018 ވަނަ އަހަރުން ފަށައިގެން އެގޮތަށް އަމަލުވެސް ކުރައްވަން ފައްޓަވާފައެވެ.
ފަންނީ ނަޒަރަކުން ބަލާއިރު، ސޫދާންއާއި އިސްރާއީލު އަދިވެސް އޮތީ ހަނގުރާމައެއްގެ ތެރޭގައެވެ.