ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އިސްލާހެއް މިއަދު ހުށަހަޅައިފިއެވެ.

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޖިނާއީ އިޖުރާތު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. މިއަދު ވަނީ އެއިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައެވެ.

މިބިލް ހުށަހެޅުމުގެ ސަބަބެއް ކަމަށް ބުނެފައިވަނީ ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމާއި ހިމާޔަތް ލިބުމަކީ އެކުދިންނަށް ލިބިގެންވާ ހައްގެއް ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އަމަލުތައް ދިވެހި މުޖުތަމައުގައި ގިނަވެފައިވާ ކަމަށެވެ. އަދި އެކުދިންނަށް ކަށަވަރުކޮށްދޭންޖެހޭ ރައްކާތެރިކަން އެކަށީގެންވާ މިންވަރަށް ކަށަވަރުކޮށްދެވިފައިނުވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އަމަލު ހިމަނައި، އެފަދަ އަމަލުތައް ކުރުން މަދުކުރުމާއި ހުއްޓުވުމުގެ މަގުސަދުގައި ހުށަހަޅާ އިސްލާހެއް ކަމަށްވެސް ބިލް ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވެއެވެ.

މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި 11 ކުށެއް ހިމަނާފައި ވާއިރު އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށެއް ނުހިމެނެއެވެ.

ޖިނާއީ އިޖުރާތު ގާނޫނުގައިވާ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެނީ މީހުން މެރުމާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށާއި ޓެރަރިޒަމްގެ ކުށާއި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށެވެ. މީގެ އިތުރުން މީހުން ޓްރެފިކްކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމާއި ވައްކަމާއި ޓެކުމާއި ހިޔާނަތްތެރިވުމާއި މަކަރާއި ހީލަތުގެ ކުށުގެ އިތުރުން ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތަކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކޮށްފި މީހެއްގެ މައްޗަށް އެމައްސަލައިގެ ދައުވާ އުފުލިއްޖެނަމަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓޭނެ ކަމަށެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހަކު ކަފަލާތުގެ ދަށުން ދޫކޮށް ނުލެވޭނެ ކަމަށްވެސް ގާނޫނުގައިވެއެވެ.