ބޯ ހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިޔާ ފްލްޓްގެ 7000 ފްލެޓް އޭގެ ހައްގުވެރިންނަށް ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީށް ވިދާޅުވީ، ހިޔާ މަޝްރޫއުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން ކަމަށެވެ. މިހާތަނަށް މުޅި ޖުމްލަ، 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާން ކުރުމަށް ވަނީ ތައްޔާރުވެފައި ކަމަށެވެ.

"މިހާތަނަށް މުޅި ޖުމްލަ، 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާން ކުރުމަށް ވަނީ ތައްޔާރުވެފައި. ހިޔާ މަޝްރޫއުގެ 7000 ފްލެޓް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހައްގުވެރިންނަށް ހަވާލުކުރެވޭނެ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ވިދާޅުވީ، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ. ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތްފޯރާ ފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، 20،000 ވުރެ ގިނަ އާއިލާ، ހަމައެކަނި މާލެ ސަރަޙައްދުގައި ވެސް އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ ކަަމށްވެސް ރައީސް ވިދާޅުވިއެވެ. ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހި ކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށް ވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ،

މީގެ އިތުރުން، ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާތަކުގެ ތެރެއިން، މިހާތަނަށް ވެސް ދާއިމީ ބޯހިޔާވަހިކަން ނުލިބޭ އެތައް އާއިލާއެއް އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ އާއިލާތަކަށް ބޭނުންވާ، 60 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ނިންމައި، މިއަހަރު ތެރޭގައި އެތަންތާގައި ދިރިއުޅެން ފެށޭވަރު ވާޏެކަމަށް ރައީސް ވިދާޅުވިއެވެ.