ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ރައްޔިތުން ޑިމޮކްރަސީއަސް ނުރުހޭ މިންވަރު، ފާއިތުވީ 25 އަހަރު ދުވަހުގެ ތެރޭގައި ނުވާހާ ބޮޑަށް އިތުރުވެފައިވާކަމަށް ޔުނިވާސިޓީ އޮފް ކޭމްބްރިޖްއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

މި ނަތީޖާ ލިބިފައިވަނީ، ގާތްގަނޑަކަށް 4 މިލިއަނެއްހާ މީހުން ބައިވެރިކޮށް ކުރިއަށް ގެންދިޔަ 3 ހާހަށްވުރެ ގިނަ ސާވޭގެ މައުލޫމާތު އެއްކޮށް، އެކަންކަމަށް ރިއާޔަތްކޮށްގެންނެވެ.

އަދުގެ ދުނިޔޭގެ ހާލަތަށް ބަލާއިރު ޑިމޮކްރަސީ އޮތީ އިނދަޖެހިފައި ކަމަށާ، ޑިމޮކްރަސީއަށް ނުރެހޭ މިންވަރު، ތަރައްގީވެފައިވާ ގައުމުތަކުގައި އިންތިހާއަށް އިތުރުވެފައިވާކަމަށް ދިރާސާގެ މުސައްނިފު ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 އަށްވުރެ ގިނަ ގައުމުން ހޮވާލެވުނު މީހުންގެ މެދުގައި ކުރިއަށް ގެންދިޔަ މި ދިރާސާގެ ބައިވެރިންނާ މައިގަނޑު ގޮތެއްގައި ސުވާލުކޮށްފައިވަނީ އެ މީހުންގެ އަމިއްލަ ގައުމުގައި ޑިމޮކްރަސީ އޮތް ގޮތާ މެދު ހިތްހަމަޖެހޭ ތޯ ބެލުމަށެވެ.

ދިރާސާގެ ހޯދުންތަކުން ފުނަށް ފީނާއިރު، ޑިމޮކްރަސީއާ މެދު މީހުންގެ ހިތްތަކުގައި ނުރުހުންވުން އުފެދެން ފަށާފައިވަނީ ގައުމުތަކަށް ކުރިމަތިވާންފެށި މާލީ ހީނަރުކަމުގެ ސަބަބުންނެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ޑިމޮކްރަސީއަށް ނޫނެކޭ ބުނަމުންދާއިރު، ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި ޑެންމާކް، ސުވިޓްޒަލަންޑް، ނޯވޭ، ހޯލަންޑް ފަދަ ވިލާތުގެ ބައެއް ގައުމުތަކުގެ ރައްޔިތުން ވަނީ އެ ގައުމުތަކުގައި ޑިމޮކްރަސީ އޮތް ގޮތާ މެދު އަބަދުވެސް ހިތްތަހަމަޖެހޭ ކަމަށް ބުނެފައެވެ.

ޑިމޮކްރަސީގެ ނަމުގައި ހުޅަނގުން ދައްކަމުންދާ ދަޅާގައި ޖެހި، މެދުއިރުމައްޗާ، އުތުރު އެފްރިކާގެގިނަ ގައުމުތަކެއްގައި އަދިވެސް ދަނީ ވަރުގަދަ ހަނގުރާމަތަކެއް ކުރަމުންނެވެ. އެނޫން ހިސާބުތަކުގައިވެސް ޑިމޮކްރަސީ ހޯދުމުގެ ނަމުގައި ދާހިލީ ބޮޑެތި ކޯޅުންތަކެއް ހިންގާ މަންޒަރު ކޮންމެ ދުވަހަކުމެހެން ފެންނަމުންދާކަމީ، ގަބޫލުކުރަންޖެހިފައިވާ ހަގީގަތެކެވެ.