ތޯލިބާނުންގެ ބަޑީގެ ހަމަލާތަކުގެ ޝިކާރައަކަށްވިއެއްކަމަކު އެ ޒަހަމްތަކުން އަރައިގަނެ، އިހުނަށްވުރެ ގަދަ އަޑުން އަންހެން ކުދިންގެ ތައުލީމަށް ވަކާލާތު ކުރަމުންދާ ޒުވާން އެކްޓިވިސްޓް މަލާލާ ޔޫސުފް ޒާއީއަކީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށް ގަބޫލުކުރަން ދަތިކަމަށް، މަޝްހޫރު ޑައިރެކްޓާ އަމްޖަދު ހާން ބުނެފިއެވެ.

ބީބީސީއަށް ބްލޮގް ލިޔެ ދިނުމުގައި މަލާލާ ބޭނުން ކުރި "ގުލް މަކާއީ" ނަން ބޭނުން ކޮށްގެން ފިލްމެއް އުފައްދާފައިވާ އަމްޖަދު ހާން ބުނީ، މަލާލާ އުފަންވީ ޕާކިސްތާނަށް ކަމަކު ޕާކިސްތާނުން އޭނާއަށް ދިން އެއްވެސް އެއްޗެއް ނެތް ކަމަށެވެ. ނޮބެލް ސުލްހައިގެ އިނާމު ހާސިލުކުރުމުންވެސް ޕާކިސްތާނުން އޭނާއަށް ދައުވަތު ދީފައި ނުވާއިރު، ސުލްހައިގެ ސަފީރުގެ މަގާމު ހޯދުމުންވެސް ޕާކިސްތާނުން އޭނާއަށް ގަދަރު ކުރާތީ ފެނިފައި ނުވާކަމަށް އަމްޖަދު ހާން ބުނެއެވެ.

މިފަދަ އެތައް ކަމަކުންވެސް މަލާލާއަކީ ޕާކިސްތާނުގެ ރައްޔިތެއް ނޫންކަން އެގައުމުން ސާބިތުކޮށްދޭ ކަމަށާ، މަލާލާއަކީ މުޅި ދުނިޔޭގެ ރައްޔިތެއް ކަމަށް އަމްޖަދު ހާން ބުނެއެވެ. މިކަމުގެ ސަބަބުން، ޕާކިސްތާނުގައި "ގުލް މަކާއީ" ޕްރިމިއާ ނުކުރާނެ ކަމަށްވެސް އަމްޖަދު ހާން ވަނީ ބުނެފައެވެ.

މި ފިލްމަކީ ބައިނަލްއަގުވާމީ ރާޑަރަށް މާލާލާ އެރި ގޮތުގެ ތަފްސީލުތައް ހިމަނައިގެން ގެނެސްދީފައިވާ ފިލްމަކަށް ވާއިރު، ޕާކިސްތާނުގައި މި ފިލްމު ރިލީޒް ކުރުމަށް އެގައުމުގެ އިސް ފަރާތްތަކުންވެސް ގަބޫލު ނޫންކަން އަމްޖަދު ހާން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި ފިލްމު ބެއްލެވި ޕާކިސްތާނުގެ އިސް ޑިޕްލޮމެޓުންތަކެއްވެސް އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި ކަމަށް އަމްޖަދު ހާން ބުނެއެވެ.

މަލާލާއާ އެއްވެސް ވަރެއްގެ ގުޅުމެއް ނެތި 4 އަހަރު ދުވަހުގެ މަސައްކަތުން ނިންމާލި ފިލްމް "ގުލް މަކާއީ" އާ މެދު މަލާލާއާއި އޭނާގެ އާއިލާއިންވެސް ގަބޫލު ކަމަށް އަމްޖަދު ހާން ބުނެއެވެ.

ހިންދީއާ އުރުދޫ ބަހުން އުފައްދާފައިވާ ފިލްމް "ގުލް މަކާއީ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.