ފަލަސްތީނުގެ ރައްޔިތުން އުފުއްލަމުންދާ ތަކުލީފުތަކާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ހަޖޫ ޖައްސަވައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ހަޖޫ ޖެއްސެވުމުގެ މޭރުމަކުން ޓްރަމްޕް ވާހަކަފުޅު ދައްކަވާފައި މިވަނީ، އެމެރިކާއިން އެކުލަވާލަމުންދިޔަ "ގަރުނުގެ ސުލްހައިގެ ޕްލޭން" ނުވަތަ އިސްރާއީލާ ފަލަސްތީނާ ދެމެދު އެއްބަސްވުމަކަށް ނާދެވި ދިގުލާ ގޮސްފައިވާ 'މެދުއިރުމަތީގެ ސުލްހައިގެ' އެއްބަސްވުން އާންމުކުރެއްވުމަށް ކުރިއަށްދިޔަ އިވެންޓްގައެވެ.

ޓްރަމްޕްގެ ބެއްލެވުމުގެ ދަށުން އެކުލަވާލައްވާފައިވާ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން އާންމުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ސުލްހަޔަށްޓަކައި އިސްރާއީލުން އަޅަނީ 'ބޮޑު ފިޔަވަޅެއް' ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫވެސް އަރިހުގައި ބަހައްޓަވައިގެން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޓްރަމްޕް ވިދާޅުވީ، މި ޕްލޭނަކީ މެދުއިރުމައްޗަށް އިތުރު ހަމަޖެހުމާ ސުލްހައިގެ އިތުރުން ކުރިއެރުން ގެނެސްދޭނެ އެއްބަސްވުމެއް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޓްރަމްޕް ވިދާޅުވީ، މި ޕްލޭނަކީ ސުލްހައިގެ ސީދާ މަޝްވަރާތަކުގެ އަސާސް ކަމުގައި ބަލައިގަތުމަށް ނަތަންޔާހޫވެސް އެއްބަސްވެފައިވާކަމަށެވެ. އަދި މި އެއްބަސްވުމަކީ ނަތަންޔާހޫގެ ސިޔާސީ ވާދަވެރިޔާ ބެނީ ގަންޓްސްވެސް ބަލައިގެންފައިވާ އެއްބަސްވުމެއް ކަމަށް ދަންނަވަން ކެރޭނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

80 ސޮފުހާގެ މައްޗަށް އެކުލެވޭ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނަކީ ޓްރަމްޕް ވިދާޅުވާ ގޮތުގައި މިފަދަ މޭރުމަކުން މިހާތަނަށް އެކުލަވާލެވުނު އެންމެ ތަފްސީލީ އެއްބަސްވުމެވެ. ރައްޔިތުން އޭނާ އިންތިހާބުކުރި ކުދިކުދި ކަންތައްތައް ކުރުމަށް ނޫންކަމަށާ، މިއީ އެއްބަސްވުން ބަލައިގަތުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ، ނުސީދާ ގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ބިރު ދެއްކެވުމުގެ އިންޒާރެއްވެސް ދެއްވާފައެވެ.

ދަނބިދަރިފުޅު ޖެރާޑް ކުޝްނާ އިސްކޮށް ބަހައްޓަވައިގެން ޓްރަމްޕް އެކުލަވާލެއްވި މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނާ ބެހޭ އިތުރު ތަފްސީލުތައް ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ގުދުސް އޮންނާނީ އިސްރާއީލުގެ ވެރި ރަށުގެ ގޮތުގައި ކަމަށެވެ. އަދި މި އެއްބަސްވުމާ ބެހޭ ވާހަކަތައް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއިވެސް ހިއްސާކުރެވިފައިވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގެ ވެރިރަށަކަށް ވާނީ އިރުމަތީ ގުދުސް ކަމަށާ، ފަލަސްތީނުގެ ބިންތަކުން އެމީހުން ބޭރު ނުކޮށްލާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ، އިސްރާއީލުން ވެރިވެގެންފައިވާ މުޅި ސަރަހައްދުގެ ހަގީގީ މިލްކުވެރިންނަކީ ފަލަސްތީނުކަމެވެ.