ޗައިނާގެ ވޫހާން ސިޓީން ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އަސަރު ދުނިޔޭގެ އެކި ގައުމުތަކަށް ކުރަމުން ދިޔަ ނަމަވެސް އެ ވައިރަސް ޖެހިފައިވާ އެއްވެސް މީހަކު އަދި ރާއްޖެއިން ފެނިފައި ނުވާ ކަމަށާއި އެހެންނަމަވެސް އެ ބަލިން ރައްކާތެރިވުމަށް ހަތަރު ފިޔަވަޅެއް އަޅާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިން ހުރި މިންވަރު ދެނެގަތުމަށް ތާރމަލް ކެމެރާ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި އެއާޕޯޓްތަކުގެ ޓާމިނަލްގައި ތާމަލް ކެމެރާއިން ހުން ހުރިކަމަށް ދައްކާ ފަސިންޖަރުން ސްކްރީންކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ބައްޔަށް ޝައްކުކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދިނުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން ބުނީ ކޮރޯނާއި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އެ ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑްލައިންތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށް ދެމުންދާ ކަމަށެވެ. އެގޮތުން އެއާޕޯޓްގައި މަސައްކަތްކުރާ މުއައްސަސާތަކަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށް ޓޫރިސްޓް ރިސޯޓްތަކަށާއި ލޯކަލް ގެސްޓް ހައުސްތަކަށާއި އަދި ފަތުރުވެރިކަމާ ގުޅޭ އެހެނިހެން ޖަމުއިއްޔާ ޖަމާއަތްތަކަށް ފޯރުކޮށް ދެމުންދާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެ އޮތޯރިޓީން ބުނީ ސްކްރީން ކުރެވޭ ފަސިންޖަރުންގެ ތެރޭން މިބަލީގެ ސަވައިލަންސް ކްރައިޓީރިޔާއަށް ފެތޭ ފަސިންޖަރުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލާތްތަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައާއި ހުޅުމާލޭގައި އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ ބައްޔާބެހޭ މައުލޫމާތު އޮޅުން ފިލުވައިދިނުމަށާއި އާންމުންގެ ސުވާލުތަކަށް ޖަވާބުދީ ކަންކުރަންވާ ގޮތްތައް އޮޅުން ފިލުވައިދިނުމަށް ހޮޓްލައިނެއްގެ ހިދުމަތް ފަށާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި 27 ޖެނުއަރީއާ ހަމައަށް މުޅި ދުނިޔެއިން 2798 މީހުންނަށް މިބަލި ޖެހިފައިވާކަމަށް ކަށަވަރުކުރެވިފައިވެއެވެ. މީގެ ތެރޭން 2741 މީހުންނަށް ބަލިޖެހިފައިވަނީ ޗައިނާގައެވެ. އަދި 461 މީހުން ބަލީގައި ހާލުބޮޑުވެފައިވެއެވެ. މިހާތަނަށް މި ބަލި ޖެހިގެން 80 މީހުން މަރުވެފައިވެއެވެ. ޗައިނާއިން ބޭރުން މުޅިއެކު 37 މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ކަށަވަރުކުރެވިފައިއެވެ. އަދި ޗައިނާގެ އިތުރުން 11 ގައުމަކުން މި ބަލިޖެހިފައިވާ މީހުން ވަނީ ފެނިފައެވެ. ޗައިނާނޫން ގައުމުތަކުން މި ބަލި ޖެހުނު 37 މީހުންގެ ތެރެއިން 36 މީހުންނަކީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހުންނެވެ. އަދި މީގެ ތެރެއިން 34 މީހުންނަކީ ޗައިނާގެ ވޫހާން ސިޓީއަށް ދަތުރުކޮށްފައިވާ މީހުންނެވެ. ބަލި ފެތުރުމުގެ ފުރުސަތު މުޅި ދުނިޔޭގެ ނިސްބަތުގައި މަތިކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންދާޒާ ކުރެއެވެ.