އުރީދޫގެ ކާމިޔާބީގައި ދިވެހި ރައްޔިތުންނާއި ޕާޓްނަރުން އިސް ދައުރެއް އަދާކޮށްފައިވާ ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދީ ސީއީއޯ ނަޖީބް ހާން ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި އުރީދޫގެ "މަރުހަބާ 2020" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޖީބް ވިދާޅުވީ އުރީދޫއަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީއަށް އާ އަލިކަމަކާއި އާ އުންމީދެއް ގެނެސްދިން ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަށް ދިވެހި ރައްޔިތުންގެ ފާރާތުން ލިބެމުންދާ އެއްބާރުލުމަކީ ފާހަގަ ކޮށްލެވޭ އެއްބާރު ލުމެއް ކަމަށެވެ.

ނަޖީބް ވިދާޅުވީ ދުނިޔޭގައި ތައާރަފުވެގެންދާ އެންމެ ފަހުގެ ހުރިހާ ޓެކްނޮލޮޖީއެއް އުރީދޫން ދިވެހިންނަށް ގެނެސްދޭނެ ކަމަށާއި އެ ކުންފުންޏަށް އެންމެ މުހިންމުވާނީ ދިވެހި ރައްޔިތުން ކަމަށެވެ.

އަދި ރާއްޖެއަށް ތައާރަފުކުރި ހުރިހާ ޓެކްނޮލޮޖީއެއް ގެނެސްދެމުން ދަނީ ދިވެހިންނަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އުރީދޫން 2ޖީ، 3ޖީ، 4ޖީ އަދި 5ޖީ ވެސް ތައާރަފު ކޮށްދެވިފައި ވާ ކަމަށާއި އެގޮތަށް ދުނިޔޭގައި ތައާރަފު ވެގެންދާ ހުރިހާ ޓެކްނޮލޮޖީއެއް ވެސް އުރީދޫން ދިވެހިންނަށް ގެނެސްދޭނެ ކަމަށް ނަޖީބް ވިދާޅުވިއެވެ.

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި އުރީދޫގެ ބްރޭންޑް އެމްބަސެޑަރަކަށް މާޒިޔާ ސްޕޯޓްސް ކްލަބާއި ހަބޭސް ބޮޑުބެރު ގުރޫޕު ވަނީ ހަމަޖައްސާފައެވެ. އަދި އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އުރީދޫ ކަލަރަން ބާއްވާނެ ރަށްތައް ކަނޑައަޅާފައި ވެއެވެ. އެގޮތުން މި އަހަރު އަލަށް ކުޅުދުއްފުށި ސިޓީގާއި ބާއްވާ ގޮތަށް ހަމަޖެހިފައި ވައިރު ހުޅުމާލޭގައި ވެސް ކަލަރަން ބާއްވާނެއެވެ.