ޕާކިސްތާނާ އިންޑިޔާއާއި ދެމެދު އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ކަޝްމީރުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތައްޔާރަށް އޮތް ކަމަށް ނޭޕާލްއިން ބުނެފިއެވެ.

ނޭޕާލްއަކީ ކަޝްމީރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމުގައި އިސް ދައުރެއް އަދާކުރުމަށް ތައްޔާރަށް އޮތްކަމަށް ދެކުނު އޭޝިއާ ސަރަހައްދުން ޝައުގުވެރިކަން ފާޅުކުރި ފުރަތަމަ ގައުމެވެ.

ދެކުނު އޭޝިއާގެ ނިއުކްލިއާ ބާރުވެރިންގެ ގޮތުގައި އޮތް ޕާކިސްތާނާ އިންޑިޔާއާއި ދެމެދު ކަޝްމީރުގެ މައްސަލާގައި ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު، އިންތިހާއަށް ހީވެފައި އޮތް މިދަނދިވަޅުގައި، ދެކުނު އޭޝިއާގެ އެއްވެސް ގައުމަކުން މިކަމާ ސީދާ ގޮތުން އެއްޗެއް މިހާތަނަށް ބުނެފައެއް ނެތެވެ. ކޮންމެ ގައުމަކުންވެސް ބުނާ ގޮތުގައި ކަޝްމީރުގެ މައްސަލައަކީ ޕާކިސްތާނާ އިންޑިޔާއިން ހަމަޖައްސަންޖެހޭ ދާހިލީ މައްސަލައެއް ކަމަށެވެ.

ކަންމިހެން ނަމަވެސް ނޭޕާލްއިން ބުނާ ގޮތުގައި އިންޑިޔާއާއި ޕާކިސްތާނުން ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުން މުހިންމެވެ. އަދި ދެ ހަތުރުންގެ މެދުގައި ހައްލު ނުވެ ހުރި ކަންކަމާ މަޝްވަރާކޮށް، ހައްލު ހޯދަންޖެހެއެވެ. އެހެނީ، އެކަމުގެ ސަބަބުން، ސާކުގެ ގުޅުމަށް އާ ދިރުމެއް ލިބުމުގެ ފުރުސަތުވެސް އެކަމުގައި އޮތުން ކަމަށް ނޭޕާލްއިން ފާހަގަކުރެއެވެ.

ނޭޕާލްއަކީ މިނިވަން، ވަކި ފަރާތަކަށް ނުޖެހޭ، ސުލްހައަށް ލޯބިކުރާ ގައުމެއް ކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ. ކަންމިހެން އޮތްއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ ކަޝްމީރުގެ މައްސަލަ ހައްލު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ.