ކުށް ކުރާ ފަރާތްތަކާ މެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ފުލުހުންނަށް ފަހި ކޮށްދިނުމަށް އާއްމު ރައްޔިތުންނަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކާއި މެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ މިފަދަ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އާންމު ފަރުދުންވެސް ޒިންމާދާރުކުރުމަށް ބާރުއަޅައި ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ ރައްޔިތުން، ހާއްސަކޮށް ޒުވާނުން ހިންގާ ހަރަކާތްތަކަށް އެ ސާވިސްއިން މަރުހަބާ ކިޔައި ހިއްވަރުދޭ ކަމަށެވެ.

އަދި އެ ހަރަކާތްތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ އެފަދަ މައްސަލަތައް ރިޕޯޓުކުރުމާއި ފަސް ޖެހުމެއް ނެތި އެފަދަ މައްސަލަތަކާއި ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމުގެ ރޫހެއް އުފެދިފައިވުމަކީ މުޖުތަމައުގެ ތެރޭގައި އުޅޭ މިފަދަ އަމަލުތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް މަގުފަހި ވާނެ ކަމެއްކަމުގައި ދެކޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ހެޔޮ ނިޔަތުގައި އާންމު ރައްޔިތުން، ހާއްސަކޮށް ޒުވާނުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި މުއައްސަސާތައް ޒިންމާދާރު ކުރުމަށް އިންތިޒާމްކުރާ އެއްވުންތަކުގައި ބައެއް ފަރާތްތަކުން ގާނޫނާއި ހިލާފް އަމަލުތައް ހިންގައި ކުޑަކުދިންނާއި އެނޫންވެސް ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބި ބިރުވެރިކަން އުފެދޭ ފަދަ އަމަލުތައް ތަކުރާރު ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

"މިގޮތުން މީހުން ދިރުއުޅޭ ތަންތަނާއި ހޮސްޕިޓަލު ފަދަ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ މުދަލާއި ތަކެއްޗަށް ގެއްލުންދީ ގާނޫނީ ހަމަތަކާއި އުސޫލުތަކުގެ ބޭރުން މީހުންނަށް އަނިޔާކޮށް ހެދުމުގެ މައްސަލަތައް ކުރިމަތިވަމުންދާކަން މިސާވިސްއިން ހިތާމައާއިއެކު ފާހާގަކުރަމެވެ. މިފަދަ އަމަލުތަކަކީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ދާއިރާތަކުން ބޭރު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެއްވެ އަޑު އުފުލުމުގެ މަގުސަދާއިވެސް ހިލާފް ކަމަކަށްވުމުން އާންމުންނާއި ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ، ބޭ އިންސާފުން ނުވަތަ ގާނޫނީ ހަމަތަކުން ބޭރުން އެއްވެސް ފަރާތަކަށް އަނިޔާކޮށް ގޯނާކޮށް ނުހެދުމަށް މި ސާވިސްއިން އިލްތިމާސްކުރަމެވެ. އަދި ބައެއް މީޑިޔާތަކުންވެސް މިފަދަ ކަންކަމާއި ގުޅޭގޮތުން ހަބަރު ފެތުރުމުގައި މިފަދަ މައްސަލަތަކުގެ ތުހުމަތުކުރެވޭ ފަރާތްތަކަށް އަނިޔާކޮށް ގޯނާކުރުމަށް ހިތްވަރުދީ އަދި އެއީ އެފަދަ ފަރާތްތަކާއި މެދު ކަންކަން ކުރަންޖެހޭ ގޮތް ކަމަށް ދެއްކުމަށް މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ." ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ކޮންމެ ފަރުދަކާއި މެދުވެސް ގާނޫނުގައިވާ ގޮތުގެމަތީން އަމަލުކޮށް އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަކީ އެ ސާވިސްގެ މަސްއޫލިއްޔަތަކަށް ވީހިނދު ކުށުގެ ތުހުމަތު އުފުލޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައިވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އަދި ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ކަންކަން ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުންވެސް ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަކަށް ވީހިނދު މިފަދަ މައްސަލަތައް ބަލާ ތަހުގީގުކޮށް ކުށް ކުރާ ފަރާތްތަކާއި މެދު ގާނޫނާއި އެއްގޮތަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މިސާވިސްއަށް ފަހިކޮށްދިނުމުގައި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށް އެ ސާވިސްއިން އެދޭ ކަމަށެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ އެކުދިންނަށް އަމާން ވެއްޓެއް ކަށަވަރުކުރުމުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމުގައި ފުލުހުން އަބަދުވެސް ދެމިތިބޭނެ ކަމަށް އެ ބަޔާނުގައި ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން އަޑުއުފުލާ، މުއައްސަސާތައް ޒިންމާދާރު ކުރުމަށް ގޮވާލާ ފަރާތްތަކުން ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނީ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަރަކާތްތަކަށް އެ ސާވިސްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި އެފަދަ ފުރުސަތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން މިފަދައިން ބުނެފައި މިވަނީ ދާދިފަހުން ވިލިމާލޭގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި އެކުއްޖާގެ ބައްޕައަށް ބަޔަކު ނުކުމެ ހަމަލާދީ ހިނގާދިޔަ ކަންކަމާއި ގުޅިގެން ކަމަށް ބެލެވެއެވެ. ކުއްޖާގެ ބައްޕައަށް ބަޔަކު ހަމަލާ ދިނުމުން އޭނާ އަށް ފަރުވާ ދިނުމަށް ވިލިމާލޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެތަނުގައި އޭނާ އޮއްވާ އެސަރަހައްދަށް މީހުން އެއްވެ އޭނާ ހައްޔަރު ކުރަން ގޮވާލިއެވެ. އަދި ހޮސްޕިޓަލްގެ ބިއްލޫރިގަނޑެއް ވެސް ތަޅާލި ކަމަށްވެއެވެ.