ޖަޕާނުގެ ކިޔަވާ ކުއްޖަކު މަހަށް ގޮސް އުޅުމުގެ ތެރޭގައި އޭނާއަށް ބޭނުނު މަހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރުމާއެކު، ފަތުއަޑުކިޔާފައޭ ބުނާ އުސޫލުން އެ ޕޯސްޓް ވައިރަލްވިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެ ދަރިވަރު ބޭނި މަހުގެ ސިފަ، ކުރެހުމަކާ ވައްތަރުކަމުގެ ވާހަކަ އާންމުވުމާއެކު، އެ ޕޯސްޓްގެ މަގުބޫލުކަން އިތުރުވިއެވެ.

އާދަޔާ ހިލާފު ބޮޑު ލޮލެއް ލާފައިވާ އޮތް މިމަހުގެ ހުޅުނބުތައްވެސް ހުރީ އެކި ގޮތަށެވެ. ހުޅުނބުތަކުން އަރަމުންދިޔައީވެސް ނޫކުލައިގެ އެކި ޝޭޑްތަކެވެ. ސޯޝަލް މީޑިއާގެ ވަޒަންވެރިންގެ މެދުގައި މިމަސް މަޝްހޫރުވެގެންދިޔައީ "ޕިކާސޯ ފިޝް"ގެ ނަމުންނެވެ. އެއީ މަޝްހޫރު ކުރެހުންތެރިޔާ "ޕިކާސޯ"އަށް ރިއާޔަތްކޮށެވެ.

ސޯޝަލް މީޑިއާގައި "ޕިކާސޯ ފިޝް" ވައިރަލް ވާން ފެށުމާއެކު ޖަޕާނުގެ މީޑިއާއަކުން ތަޖުރިބާކާރުންގެ ލާފަ ހޯދިއެވެ. ނަތީޖާ ލިބުނު ގޮތުގައި، މިއީ ކަނޑުގެ ވަރަށް އަޑީގައި އާންމު މަހެއްކަން އެނގުނެވެ. ތަޖުރިބާކާރުންގެ ގާތުގައި މިމަހަށް ކިޔަނީ މަޓްސުބަރާރީ ކެންޑްލް ފިޝްއެވެ. މިއީ ވިހަ މަހެއް ނޫންކަމަށާ، ކާންވެސް ބޭނުންކުރެވިދާނެ މަހެއްކަން އެނގުނެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު މިޒާތުގެ މަހެއް ކޭކަން އެނގިފައެއް ނެތެވެ.