ތުރުކީވިލާތުގެ އިރުމަތީ ސަރަހައްދުތަކަށް ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އައި ބާރުގެ ބިންހެލުމުގައި 18 މީހުން މަރުވެ، އިތުރު އެތައް ސަތޭކަ ބަޔަކަށް ހާނީއްކަ ވެފައިވާކަމަށް ތުރުކީވިލާތުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

500 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު 11 މީހަކު އޮތީ ސީރިއަސް ހާލެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ރެކްޓާ މިންގަނޑުން 6.8 ބާރު މިނުގައި އައި ބިންހެލުމާއެކު އިމާރާތްތައް ވެއްޓިފައިވާކަމަށް ޚަބަރު ލިބެއެވެ.

ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތައް ވެއްޓިފައިވާ ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެފްޕީ

މި ބިންހެލުމުގެ ލޮޅުމުގެ އަސަރު، ތުރުކީވިލާތާ އިންވެގެން އޮންނަ ސޫރިޔާގެ އިތުރުން ލުބްނާން އަދި އީރާނަށްވެސް ކުރި ކަމަށް މައުލޫމާތު ލިބެއެވެ.

ތުރުކީވިލާތުގެ ގަޑިން ރޭ 9 ޖެހުމާ ގާތްވެފައިވަނިކޮށް އައި ވަރުގަދަ ބިންހެލުމަށްފަހު އިތުރު 60 ލޮޅުމެއް އެސަރަހައްދަށް އަރާފައިވާ ކަމަށް ތުރުކީވިލާތުގެ ޑިޒާސްޓާ އެންޑް އެމާޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އަފާޑް)އިންވަނީ ހާމަކޮށްފައެވެ.

އަފާޑް އިން ބުނީ ބިންހެލުން އައި ސަރަހައްދުގައި 400 އެއްހާ ރެސްކިއު ޓީމުން ހަރަކާތްތެރިވާނެ ކަމަށާ، އެ ޓީމުތަކުން އެސަރަހައްދަށް ގޮސްފައިވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާނެ ޓެންޓާ އެނދު ފަދަ ތަކެތި ހިފައިގެން ކަމަށެވެ.

ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތައް ވެއްޓިފަ/ފޮޓޯ: ރޮއިޓާޒް

މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކަށް ބަލާއިރު، ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި ބަޔަކު ދިރިތިއްބާ ސަލާމަތް ކުރެވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކުރެވެއެވެ.

ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ބިންހެލުން އައި ސިވްރީޗޭ ސަރަހައްދަކީ ގާތްގަނޑަކަށް 4000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު މަންޒިލެކެވެ.

ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތައް ވެއްޓި ގިނަ ބަޔަކު ވަނީ މަގުމަތިވެފަ/ފޮޓޯ: އޭއެފްޕީ

ތުރުކީވިލާތަކީ އާންމުކޮށް ބިންހެހުން އަންނަ ގައުމެކެވެ. 1999 ވަނަ އަހަރު، އިޒްމީތު ސަރަހައްދަށް އައި ބިންހެލުމެއްގައި 17000 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.