ގއ. ވޮޑަމުލާގައި ތަރައްގީކުރަމުން އަންނަ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އެ އަތޮޅު ދާންދޫއަށް ބާލާފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ރިސޯޓުގައި މަސައްކަތްކުރާ 18 ބިދޭސީން މިއަދު ހެނދުނު ދާންދޫއަށް ގެންގޮސް ބާލާފައި ދިޔަގޮތަށް އެމީހުން އަދިވެސް އެ ރަށުގައި ތިބުމުން ދާންދޫގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
އަދި ފުލުހުންނާއި އެރަށުގެ ކައުންސިލާ ގުޅިގެން ވޮޑަމުލާ ތަރަށްގީކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން އެމީހުން ގެންދިއުމަށް މަސައްކަތް ކުރަމުން ދާކަމަށްވެސް ފުލުހުން ބުނެއެވެ.
އެ ބިދޭސީން ދާންދޫއަށް ގެންގޮސްފައި ވަނީ އެމީހުން މަސައްކަތްކުރާ ރަށުން ދާން ބޭނުންވުމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ ބިދޭސީންނަށް ތިން މަހުގެ މުސާރަ ދިނުމަށްފަހު އެމީހުން ދާންދޫއަށް ބާލާފައި ވަނީ މިއަދު މާލެއަށް ފުރާ ބޯޓަކުން މާލެ ފުރުވާލަން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އެމީހުން ވަނީ އެމީހުންނާ ހަވާލުވާނެ މީހަކު ނެތް ކަމަށާއި އެރަށަށް ދޫކޮށްލުމަށް ފަހު ދިޔައީ ކަމަށް ބުނެފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަންބަލާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ބިދޭސީންގެ މައްސަލަ މި ރާއްޖޭގައި ބޮޑުވެފައި ވާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީވެސް މިހާރު މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށް މި ވަނީ ވެފައެވެ.
ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށް އިކޮނަމިކް މިނިސްޓްރީން ހިންގަމުންދާ ޕްރޮގްރާމަށް އެތައް ބަޔަކު ފާޑުކިޔަމުން އަންނަ އިރު ގާވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރަނގަޅަށް ބަލާ ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ކަަމަށާއި އަދި އެ މައްސަލަ ބަލާ ތަހުގީގު ކުރުމަށް ފަހު އެކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
އިކޮނޮމިކް މިނސްޓްރީން އަދިވެސް ދަނީ ނުގަވާއިދުން އުޅޭ ބިދޭސީން އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ދަށުން ބިދޭސީން ރަޖިސްޓާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.