ދާދިފަހުން މީޑިޔާގެ ސަމާލުކަން ހޯދި އެއް ވާހަކައަކީ މަހު މޫސަރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ ފައިސާއަކީ، ގޭގެ ޚަރަދުތަކަށްވެސް ނުފުދޭ ހާ ކުޑަ މިންވަރެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވި ކަމަށް ބުނާ ވާހަކައެކެވެ. ވިޔަފާރި ވެރިންތަކަކާ ބައްދަލުކުރައްވާ، މިފަދަ މޭރުމަކުން އިމްރާން ވާހަކަފުޅު ދައްކަވާފާ ވާ ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާއިރު، އިމްރާންގެ މަހު މުސާރައިގެ ތަފްސީލުތައް ބަޔާންކޮށްފައިވާ މުސާރަ ސްލިޕެއްވެސް މިހާރު ވަނީ އާންމުވެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ މުސާރަ ސްލިޕްކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ސްލިޕް/ފޮޓޯ: ޖިއޯ ޓީވީ

މީޑިއާގައި ދައުރުވަމުންދާ އިމްރާންގެ މުސާރަ ސްލިޕް ބުނާ ގޮތުން ނަމަ މަހެއްގެ މައްޗަށް އިމްރާންއަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ ގާތްގަނޑަކަށް 2 ލައްކަ ޕާކިސްތާން ރުޕީޒްއެވެ. އެއީ އެލަވަންސްވެސް ހިމަނައިގެންނެވެ. މުސާރައިން ކަނޑަންޖެހޭ ހުރިހާ އަދަދެއް އުނިކުރިކުރުމުން، މަހެއްގެ މައްޗަށް އިމްރާންގެ މުސާރައަކަށް ވަނީ ގާތްގަނޑަކަށް 1275.90 އެމެރިކާ ޑޮލަރެވެ. އެއީ މާލީ ބާޒާރުގައި ފައިސާ ގަނެވިއްކާ އަގުތަކުގެ ރޭޓުން ބަލާއިރު، 19771.30 ދިވެހި ރުފިޔާއެވެ.

ކަންމިހެން އޮތްއިރު، އިދިކޮޅު ފަރާތްތަކުން ފައިސާ ޖަހާކަމަށާ، އެފަރާތްތަކުން ޓެކްސްއަށްވެސް އޮޅުވާލަމުން ދަކާމަށް އިމްރާން ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ. މީގެ އިތުރުން މި ދަނޑިވަޅަކީ ޕާކިސްތާނުގެ އާންމު ރައްޔިތުން ގޮދަނަށް ޖެހިފައިވާ ދަނޑިވަޅެކެވެ. ބާޒާރުން ގޮދަން ލިބުން ދަތިވެ، ގޮދަނުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިއާއެކު ޕާނާ، ރޮށީގެ އަގުތައްވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. މިކަމުގެ ރުޅިވެރިކަންވެސް ޕާކިސްތާނުގެ ރައްޔިތުން އަމާޒުކުރަނީ އިމްރާން ހާންއަށެވެ.