ޗައިނާގެ ވޫހާން ސިޓީން ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް އެއާޕޯޓުގައި ސްކްރީން ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި މިހާތަނަށް އެވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ފެނިފައިނުވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ތާމަލް ކެމެރާތައް މެދުވެރިކޮށް އެއާޕޯޓްގައި އިއްޔެ ވަނީ ކޮރޯނާ ވައިރަސް އަށް ސްކްރީން ކުރަން ފަށާފައެވެ.
އެޗްޕީއޭ އިން ބުނީ އެއާޕޯޓުގައި ސްކްރީނިންގް ފެށުމާއެކު ތާމަލް ކެމެރާއިން ހުން އަންނަ ކަމަށް ދައްކާ މީހުން އިތުރަށް އެސެސްކޮށް، ހިސްޓްރީ ނަގާ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިވަގުތު ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިފައިނުވާ ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރާއްޖެއަކީ އެކި ގައުމުތަކުން މީހުން ޒިޔާރްތަކުރާ ގައުމެއް ކަމަށާއި ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގެ އެއާޕޯޓާ ހިސާބުން ކުރަންޖެހޭ މަސައްކަތްތަައް އިސްކަން ދީފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެއަށްފަހު މި ވައިރަސްއާ ބެހޭ ކަމެއް ފެނިއްޖެކަމަށްވާނަމަ ދެން އަމަލު ކުރަންޖެހޭ ގޮތަތަކާ މެދުވެސް މިހާރު އެޗްޕީއޭ އާއި ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ވާހަކަ ދެކެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
ހުރި ވަސީލާތްތަކަށް ބަލާއިރު މިހާރު ސްކްރީން ކުރުން ފަށައި ގަންނަނީ އެއް ކެމެރާއާއެކު ކަަމަށާއި ކުރިއަށް އޮތް ތިން ހަތަރު ދުވަހުގެ ތެރޭގައި ކެމެރާތައް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއާޕޯޓަށްފަހު ދެން އެންމެ އަވަހަށް ސްކުރީން ކުރަން ފަށާނީ އައްޑޫ ސީޓީގައި ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އެންޓްރީ ޕޯޓުތަކުން ސްކްރީންކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް އަމީން ވިދާޅުވެފައިވެއެވެ.
އަމީން ވިދާޅުވީ، މި ވައިރަސްއަށް ސަަސްޕެކްޓް ކުރެވޭ ފަރާތެއް ފެނިއްޖެ ކަމަށް ވާނަމަ އައިސޮލޭޓްކުރުމަށް ކުރަންޖެހޭ އިންތިޒާމްތައް ހަމަޖެހިފައި ކަމަށެވެ. އެގޮތުން އެއާޕޯޓުގައި އައިސޮލޭޝަން އޭރިއާއެއް ފާހަގަކުރެވި އެ އައިސޮލޭޝަން ތެރޭގައި ކަންކަން ކުރަންޖެހޭ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.