ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)، އެމެޒޯން ކުންފުނީގެ ބާނީ އަދި މަހުޖަނު ޖެފް ބެޒޯސްގެ ފޯނު ހެކްކުރެއްވި ކަމަށް ބުނާ މައްސަލައިގެ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގުމަށް، އިންސާނީ ހައްގުތަކާ ބެހޭ އދގެ ތަޖުރިބާކާރުންތަކެއް ގޮވާލައްވައިފިއެވެ.
އެމްބީއެސްއާއި ދެކޮޅަށް ތަހުގީގެއް ހިންގުމަށް ގޮވާލެއްވި އދގެ ތަޖުރިބާކާރުން ވިދާޅުވީ، އެމްބީއެސްއާއި ދެކޮޅު ފިކުރުގެ މީހުންނަށް ޒާތީ ގޮތުންނާ ސީދާ ގޮތުން ކުރިމަތިކުރައްވަމުން ގެންދަވާ ތަކުލީފުތައް ތަހުގީގުކުރެވެންޖެހޭނެކަމަށެވެ.
ބެޒޯސްގެ ފޯނަށް، އެމްބީއެސްގެ ފޯނު ނަމްބަރަކުން ލިބުނު ވަޓްސްއެޕް މެސެޖަކަށްފަހު ޒާތީ މައުލޫމާތުން ވައްކަން ކުރަމުންދާ މައްސަލަ ފެންމަތިވެ، އެކަމުގެ ތުހުމަތުތައް އެމްބީއެސްއަށް އަމާޒުކޮށްފައިވާއިރު، ސައުދީ އަރަބިއްޔާއިންވަނީ މިއީ އެއްވެސް ތާކުން ތާކު ނުޖެހޭ، ދޮގު ތުހުމަތުތަކެއް ކަމަށް އާންމު އުސޫލުން އެމްބީއެސްގެ ދިފާއަށް ކުޅެފައެވެ.
އިންސާނީ ހައްގުތަކާ ބެހެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބެޒޯސްގެ ފޯނު ހެކް ކުރުމަށް އެމްބީއެސް ހިންގެވި އަމަލަކީ ބެޒޯސްގެ އޯނާޝިޕްގެ ދަށުން ހިންގާ ވޮޝިންގްޓަން ޕޯސްޓްގައި ސައުދީ އަރަބިއްޔާއާ ގުޅިގެން ކުރަމުންދާ ރިޕޯޓްތަކުގެ ރޫހު ބަދަލު ކުރުމަށް ނުވަތަ އެ އަޑުތައް ހިމޭންކޮށްލުމަށް ހިންގެވި އަމަލެކެވެ.
އެމްބީއެސް ބެޒޯސްގެ ފޯނު ހެކްކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ފޮނުއްވި ވީޑިއޯ ފައިލެއްގެ ޒަރިއްޔާއިންކަން، މިހާތަނަށް ހިންގި ތަހުގީގުތަކަށް ވަނީ ސާބިތުވެފައެވެ.
ބެޒޯސްއާއި އެމްބީއެސްގެ ގުޅުން ހީނަރުވާން ފަށާފައިވަނީ، ވޮޝިންގްޓަން ޕޯސްޓްގެ ކޮލަމިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އަރިހުގައި ކުރިން އުޅުނު ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ، އިހާނެތި ގޮތަކަށް މަރާލި ހާދިސާއަށް ފަހުގައެވެ.