މިދިޔަ އަހަރުގެ ޑިސެމްބަރު ޗައިނާއިން ފެނުނު ފުރާނައަށް ނުރައްކާތެރި ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާ، ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދިއުމުގެ ސަބަބުން އެކަމުން އެގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އިންޑިއާގެ އެއާޕޯޓްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ވަނީ 2019-އެންކޯވް ރޯގާ ފެނިފައިވާ ގައުމުތަކުން އިންޑިއާއަށް އެތެރެވާ ފަސެންޖަރުން، ވަކި ބަޔަކު އިސްތިސްނާ ކުރުމެއް ނެތި ތާމަލް ސްކްރީން ކުރުމަށް އަމުރެއް ނެރެފައެވެ. މި ގައުމުތަކުގެ ތެރޭގައި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއާއި، ހޮންގްކޮންގް ފަދަ ސަރަހައްދުތަކުން އިންޑިއާއަށް އެތެރެވާ ފަސެންޖަރުން ހިމެނެއެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ އެއާޕޯޓްތަކުގައި މިއަމުރު ތަންފީޒުކުރަންޖެހޭއިރު، މީގެ ތެރޭގައި ޗެންނާއީ، ބެންގަލޫރު، ހައިދަރުއާބާދު، ކޮޗިން އަދި ދިއްލީއާއި މުމްބާއީ އަދި ކަލްކަޓާގެ އެއާޕޯޓްތައް ހިމެނެއެވެ.

މީގެ އިތުރުން ރޯގާއާއި ހުމުގެ އެއްވެސް އަސަރެއް ހުރި މީހަކު ނަމަ އަމިއްލައަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަމެއް ގެނެސްދިނުމަށް ފްލައިޓް ތެރޭގައިވެސް ފަސެންޖަރުންނަށް އިރުޝާދު ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ. ރޯގާގެ އަސަރު ނެތެއް ކަމަކު، ފާއިތުވީ 14 ދުވަހުގެ ތެރޭގައި ޗައިނާގެ ވޫހާން ފަދަ ސަރަހައްދުތަކަށް ދަތުރުކޮށްފައިވާ ފަރާތްތަކުންވެސް، ކަމާބެހޭ ފަރާތްތަކަށް އެކަން އެނގުމަށް އިންޑިއާއިން ވަނީ ގޮވާލާފައެވެ.