އެމެޒޯން ކުންފުނީގެ ބާނީ އަދި މަޝްހޫރު މަހުޖަނު ޖެފް ބެޒޯސްގެ ފޯނު ހެކުކުރުމުގެ ފަހަތުގައި ހުންނެވީ ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ކަމަށް ދެކެވޭ ވާހަކަތަކަށް ސައުދީއިން އިންކާރުކޮށްފިއެވެ.

އާންމުވެފައިވާ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ބެޒޯސްގެ ފޯނުން މައުލޫމާތުގެ ވައްކަން ކުރުމުގައި ހަރަކާތްތެރިވި ފޯނު ނަމްބަރަކީ، ވަލީއަހުދު އެމްބީއެސް ގެންގުޅުއްވި ފޯނު ނަމްބަރެއް ކަމަށްވެއެވެ.

އެމެރިކާގައި ހުންނަ ސައުދީ އެމްބަސީއިންވަނީ މި ތުހުމަތުތަކަކީ ބުއްދި ގަބޫލުކުރަން ދަތި، ބޭކާރު ތުހުމަތުތަކެއް ކަމަށް ބުނެ، އެ ކަމުގެ ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.

ބެޒޯސްގެ ފޯނު ހެކްކުރި މައްސަލާގައި މީގެ ކުރިން ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު، އެއީ، ތުރުކީވިލާތުގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި، ތަޖުރިބާކާރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމަށް 2018 ވަނަ އަހަރު ހިންގި ގަތުލާ ގުޅުންހުރި ކަމެކެވެ. ބެޒޯސްއަކީ، ޚަޝޯގީ މަރުވިއިރު އޭނާ ކޮލަމިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ވޮޝިންގްޓަން ޕޯސްޓްގެވެސް އޯނަރެވެ.

އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުން ބުނެފައިވާ ގޮތުގައި، ބެޒޯސްގެ ފޯނު ހެކްކޮށްފައިވަނީ، އެމްބީއެސްގެ ޒާތީ އެކައުންޓަކުން ބެޒޯސްއަށް ލިބުނު ވަޓްސްއެޕް މެސެޖަކަށް ފަހުގައެވެ.

ބެޒޯސްގެ ފޯނުން މައުލޫމާތުގެ ވައްކަން ކުރަމުންދާ ކަމުގެ ތުހުމަތުތައް ފެންމަތިވުމާއެކު ތަހުގީގުތައް ފެށި ކަމަށާ، ބެޒޯސްއަށް ވެސް ނޭނގި، އޭނާގެ ފޯނުން ސިއްރު މައުލޫމާތުތަކެއް ލީކުވަމުން ދިޔައީ އެމްބީއެސްގެ ފަރާތްޕުޅުން އައި އެންކްރިޕްޓްކޮށްފައިވާ މެސަޖަކާ ހިސާބުން ކަމަށް ތަހުގީގުތަކަށް އެނގިފައިވާކަމަށް ދަ ފައިނޭންޝަލް ޓައިމްސްއިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ކަންމިހެން އޮތްއިރު، އެމެރިކާގައި ހުންނަ ސައުދީ އެމްބަސީއިން ވަނީ މިހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށް، މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ ޓްވީޓެއް ކޮށްފައެވެ.

މިކަމާބެހޭ ގޮތުން އެމެޒޯން ކުންފުނިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިއީ ސައުދީއިން ބެޒޯސްގެ ފޯނު ހެކްކުރި ކަމަށް އަޑު ފެތުރިގެންދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައިވެސް މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.