އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެއްވެސް މަސައްކަތަށް ސަރުކާރުން އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކުވެސް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވަނީ އިއްޔެ ރައީސް އޮފީހުގައި އެކޮމިޝަންގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައިއެވެ. ރައީސް ވިދާޅުވީ އޭސީސީން ކުރަމުން ގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަން ދޭ އެއް ދާއިރާ ކަމަށާއި ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކޮށް ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް އިތުރުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ކޮމިޝަނުގެ މަސައްކަތަށް ސަރުކާރުން ވެސް އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވިޔަސް ނުފޫޒު ފޯރުވުމަށް އެދިވަޑައި ނުގަންނަވަން،" ރައީސް ވިދާޅުވިއެވެ.

އެބައްދަލުވުމުގައި އޭސީސީން ވަނީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުންނާއި އެކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތާ ބެހޭގޮތުން ރައީސާ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނުން އަމަލުކުރަމުން ގެންދާ އާންމު އުސޫލުތަކާއި މަޝްރޫއެއްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާ ހާލަތްތަކުގައި އެ ކޮމިޝަނުން ގެންގުޅޭ އުސޫލުތައްވެސް ވަނީ ރައީސާ ހިއްސާ ކުރައްްވާފައެވެ.

މީގެ އިތުރުން ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ބާރު އަޅަން މަސައްކަތް ކުރަމުން ގެންދާކަން ވެސް އެ ކޮމިޝަނުގެ މެންބަރުން ފާހަގަ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭސީސީން ރައީސާ ބައްދަލު ކޮށް މަޝްވަރާ ކޮށްފައި މިވަނީ، މިދިޔަ އަންގާރަ ދުވަހު ހދ. ވައިކަރަދޫއަށް ވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެނެވެ.

ރައީސް ވިދާޅުވެފައިވަނީ އޭސީސީއަށް ބަދަލު ތަކެއް މި ސަރުކާރުން ގެނެވިފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލުތަކުގެ ސަބަބުން ބައެއް ޕްރޮޖެކްޓުތަކަށް ލަސްކަމެއް އަންނަ ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ބިޑަކާ ގުޅިގެން އެއްވެސް ރައްޔިތެއްގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެކަމެއް ބަލަން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށްޓަކައި ބައެއް ފަހަރު ޕްރޮޖެކްޓެއް މަޑުޖައްސާލަން އޭސީސީން އަންގާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެކަމަށް ގިނަ ދުވަސްތަކެއް ހޭދަވެ، ޕްރޮޖެކްޓުތައް ކުރިއަށް ނުގޮސް ހުންނަ ހުރުމަށް ބަދަލެއް ގެންނަން ޖެހޭ ކަމަށާއި ޕްރޮޖެކްޓުތައް ލަސްވުމުގެ ހުރަހަކަށް އެއްވެސް މީހަކު ވެގެން ނުވާނެ ކަމަށެވެ.