6 މަހާއި ދޮޅު އަހަރުގެ ކުދިންނަށް ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖައްސައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، ހިމަ ބިއްސަށް ސްކްރީން ކުރުމާއި ތުއްތު ކުދިންނަށް އެމް.އާރުގެ އިތުރު ވެކްސިން ޑޯޒެއް ދިނުމުގެ ހާއްސަ ހިދުމަތެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މީސްލްސް ވެކްސިން ދިނުމަށް ކަނޑައެޅިފައިވާ އުމުރުފުރާ އަކީ 6 މަސް ފުރި 18 މަސް ނުފުރޭ ތުއްތު ކުދިން ކަމަށާއި، އެންމެ ފަހުން މީސްލްސް ވެކްސިން ޖެހުމަށް ފަހު 4 ހަފްތާ ފުރިހަމަވެފައިވާ ކުދިން ކަމަށެވެ.
މި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، މާފަންނު ސޯޝަލް ސެންޓަރު، މާލެ ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ މި ހިދްމަތް ފަށަން ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަލަށް ކަމަށެވެ. ވެކްސިން ދިނުމުގެ މި ހާއްސަ ހަރަކާތުގެ ދަށުން ތުއްތު ކުދިންނަށް ދެވޭ ޑޯޒަކީ ގައުމީ ވެކްސިން ތާވަލުގައި ހިމެނޭ މީސްލްސް އެކުލެވޭ، 9 މަހުގައި ދެވޭ އެމް.އަރު އަދި 18 މަހުގައި ދެވޭ އެމް.އެމް.އާރު ވެކްސިންގެ އިތުރަށް ދެވޭ ޑޯޒެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ ތުއްތު ކުދިންނަށް އަމާޒުކޮށް މީސްލްސްގެ އިތުރު ޑޯޒެއް ދެވެނީ ހިމަބިހި ޖެހިއްޖެނަމަ އެކުދިންނަށް ނުރައްކާތެރިކަން ބޮޑުވާނެތީ އެކަމުން ރައްކާތެރިކުރުމަށް ކަމަށެވެ.
ރާއްޖޭގައި ހިމަބިހި ފެތުރުމާއި ގުޅިގެން އިތުރަށް އެބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރެވެމުންދާ މުހިއްމު މަސައްކަތުގެ ތެރެއިން މާލޭގައި ހިމަބިއްސަށް ސްކްރީން ކުރުމާއި މީސްލްސް ވެކްސިން ދިނުމުގެ ހާއްސަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފަ އެވެ. ހެލްތު މިނިސްޓްރީން ބުނީ ހުން އައިސް ގައިގާ ކުދި ބިހިތަކެއް ނަގާ ކަމަށް ވާ ނަމަ ލަސްނުކޮށް އެ ސެންޓަރަށް ގޮސް ފަރުވާ ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރަށް ހެލްތް މިނިސްޓްރީއިން ދަނީ ވެކްސިންއާ ގުޅޭ ހާއްސަ ޑާޓާ ބޭސްއެއްވެސް ގާއިމްކުރުމުގެ ގޮތުން މަޝްވަރާކުރައްވާފައެވެ. ވެކްސިންއާ ގުޅޭ ގޮތުން ޑާޓާ ބޭސްއެއް ހެދުމަށް ހެލްތުން މަސައްކަތް ފަށާފައި މިވަނީ ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ 4 މީހުން ފެނިފައި ވަނިކޮށެވެ.