އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އުރީދޫއިން ބުނީ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ސިޓީއުރައިގެ ބޭރުގައި "ޑިރެކްޓަރުގެ އެޕްލިކޭޝަން" ލިޔެ ބަންދުކުރުމަށް ފަހު ކަމަށް އުރީދޫއިން ބުނެއެވެ.
އަދި ޑިރެކްޓަރުގެ މަގާމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހ.ސަންލީޓު (5 ވަނަ ފަންގިފިލާ) އަށް ފޯމް ހުށަހެޅޭނެ ކަމަށާއި ފޯމު އީމެލް ކުރާނަމަ [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ. އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އިތުރުކުރެވިފައި ވާ މުއްދަތަކީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އެވެ.
މިއަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި އިއުލާނު ކުރާނެ ކަމަށެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:
- އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ވުން. ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކީ ގާނޫނީ ޝަހްސެއްނަމަ އެ ޝަހްސުގެ ފަރާތުން ހުށަހަޅާ ފަރާތެއް ކަމުގައި ވުން.
- ކުންފުނީގެ ޤާނޫނު (ގާނޫނު ނަންބަރު: 96/10) އަދި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން 14 ޖަނަވަރީ 2015 ގެ ތާރީހުގައި އާންމުކޮށްފައިވާ "ކޯޕަރަޓް ގަވާނަންސް ކޯޑް" ("ސީ.ޖީ. ކޯޑް") ގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް (އިންޑިޕެންޑަންޓް ޑިރެކްޓަރ ގެ ޝަރުތު ހިމެނޭގޮތަށް) ހަމަވާ ފަރާތެއް ކަމުގައި ވުން.
- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑް ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.
- ބައިނަލްއަގްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީ އަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
- ބައިނަލްއަގްވާމީ ނުވަތަ ދިވެހިރާއްޖޭގެ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން 10 (ދިހަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
- މަދުވެގެން 1 (އެކެއް) އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ހިދުމަތުގެ ރިކޯޑު ފެންނަން އޮތުން.
- މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، 2 (ދޭއް) ލިސްޓަޑް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ވުރެ ގިނައިން މިވަގުތު ހުރި ފަރާތަކަށް ނުވުން.
އެ ބޯޑުގެ ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމިޓީ އިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ ކަމަށް އުރީދޫއިން ބުނެއެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި އާންމު ޖަލްސާގައި ހިއްސާދާރުން އިސްލާހު ކުރަން ފާސްކޮށްފައިވާ، ކުންފުނީގެ ހިންގާ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިހާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ފެށުމާ ހަމައަށް ކަންވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެހެންކަމުން އަންނަ އަހަރުގެ މާޗް މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2022 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށް ކަމަށްވެސް އުރީދޫއިން ބުނެއެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors އިން ލިބެން ހުންނާނެ ކަމަށެވެ.
އަދި ފިޒިކަލް ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުން ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށް ލިބޭން ހުންނާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.