ގެއްލުވާލައި، މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދުގެ އާއިލާގެ ކަންބޮޑުވުންތަކައް އަދިވެސް އިންތިހާއަށް އެބަހުއްޓެވެ.
ދެ އާއިލާގެ ފަރާތުން ވަނީ މި ކަންބޮޑުވުންތައް ފާޅުކޮށް، ރައީސް އިބްރާހިމް މުހައްމަދަށް ހުޅުވާލައިގެން ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ދެ އާއިލާއިން ވަނީ، ރިޟްވާނާއި ޔާމީނަށް އިންސާފު ހޯދައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަތުމަކީ ވޯޓު ހޯއްދަވަން ކުރެއްވި ކަމަކަށް ބަދަލުވަމުން އަންނަ ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ.
އެ ސިޓީގައި ބުނީ، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ރޭ އެތައް ހާސް ދިވެހި ރައްޔިތުންގެ ކުރިމަތީގައި ރައީސް ސޯލިހްގެ ލޯފުޅުން ކަރުނަ އޮއްސަވަމުން ރިޟްވާނާއި ޔާމީންގެ އާއިލާއަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ވިދާޅުވުމުން އާއިލާއަށް އުންމީދުތަކެއް ލިބުނު ކަމަށެވެ. ނަމަވެސް، އެ ވައުދުތަކަށް ވީގޮތެއް ނޭނގި މިއަދު ފެންނަނީ އެ ދެ ހާދިސާ ވެސް ސިޔާސީ ހަރަކާތަކަށްވެ، ވޯޓު ހޯއްދަވަން ވިދާޅުވި ބަސްތަކެއްގެ ގޮތަށް ބަދަލުވެގެން ދާތަން ކަމަށް އެ ސިޓިގައިވެއެވެ.
ދެ އާއިލާއިން ބުނީ، ރިޟްވާނާއި ޔަމީނަށް އިންސާފު ހޯދުމަށް ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެއް އުފެއްދުމަކީ، އާއިލާއަށް އިންސާފު ހޯދައި ދިނުމަށް ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރެއްވުނީ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ނަމަވެސް، އެ ކޮމިޝަނުން ބަލާ މައްސަލަތައް މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަން ވެސް ނޭނގޭ ކަމަށް އެ ސިޓީގައިވެއެވެ.
އެގޮތުން، އެންމެ ފަހުން އެނގުނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ރިލްވާން ގެއްލުވާލި މައްސަލައާއި ޔާމީން މަރާލި މައްސަލައިގައި ޝާމިލުވާ ދެމީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ތަހުގީގު ހިންގާފައިވާ ގޮތް ގޯސް ވެގެން މައްސަލަތައް އަނބުރާ ފޮނުވާލި ވާހަކަ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އަދި އޭގެ ފަހުން އެއްވެސް މުއައްސަސާއަކުން އާއިލާއަށް އެއްވެސް ކަމެއް އޮޅުން ފިލުވައިދީފައި ނުވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ.
ރިޟްވާނަށް ފާރަލީ ދެ ފުލުހަކު ކަމަށް މަރު ކޮމިޝަނުން ވިދާޅުވި ނަމަވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަކީ އިންސާފު ހޯދައިދިނުމަށް ސަރުކާރުން ފެއިލް ވެފައިވާކަން ދައްކުވައިދޭ ހެއްކެއް ކަމަށް އާއިލާއިން ބުނެއެވެ.
އާއިލާއިން ބުނީ، ރިޟްވާނާއި ޔާމީންގެ މައްސަލަ ވަކިފަރާތަކަށް ނުޖެހި ތަހުގީގު ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރުންނާއި އެހެނިހެން ވަސީލަތްތައް ބޭނުން ކުރުމަށް މީގެ ކުރިން ވެސް އެދިފައިވާ ކަމަށެވެ. އެހީ ފޯރު ކޮށްދިނުމަށް ތައްޔާރަށް ތިބި އެތައް ފަރާތްތަކެއް ތިބިކަން ފާހަގަ ކުރަމުން ދެއާއިލާއިން ވަނީ ސަރުކާރަށް މިކަން ނުވި ކަމަށް ތުހުމަތު ކޮށްފައެވެ.