ދެކުނުގެ ރަށެއްގައި ދެއަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މަމައްސަލަ ދިރާސާ ކުރަމުން އަންނަ ރައްޔިތުން މަޖިލީހުގެ ޖެންޑާ ކޮމެޓީން މިއަދު އެ މައްސަލާގައި ގޮތެއް ނިންމާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރު މީޑީއާ އެންޑް ކޮމިއުނިކޭޝަން ހަސަން ޒިޔާއި ވިދާޅުވީ، އުމުރުން 2 އަހަރުނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާކުރުމަށްފަހު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި މައްސަލަ ނިންމެވުމަށްފަހު މަޖިލީހުގެ ރައީސަށް އަންގަވާނެކަމަށައި އެ ނިންމެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަންފީޒު ކުރައްވާނެ ކަމަށެވެ.
ޖެންޑާ ކޮމެޓީން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއާ އަދި ރޭވެސް އެ ކޮމެޓީގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ. ރޭގެ ބައްދަލުވުމުގައި އެ ކޮމެޓީއަށް ވަނީ ޖެންޑާ މިނިސްޓްރީއާ ފުލުހުންނާއި ކްރިމިނަލް ކޯޓާއި ކަނޑުހުޅުދޫ ކައުންސިލާއި އަދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ބޭފުޅުން ހާޒިރުކޮށް ސުވާލު ކުރައްވާފައެވެ.
ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލާގައި އިއްޔެ ފުލުހުންނާއި ޖެންޑާއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. އަދި އެ ބައްދަލުވުމުގައި ކަން ހިނގާދިޔަ ގޮތާއި ފުލުހުން އެ މައްސަލާގައި އަމަލު ކުރި ގޮތް ނޫސްވެރިންނަށް ވަނީ ހިއްސާ ކޮށްދެއްވާފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތިން މީހެކެވެ. އެއީ ކުއްޖާގެ ބައްޕައާ ކާފަ އަދި މުނިކާފައެވެ. ކުއްޖާގެ ބައްޕައަށް ތުހުމަތު ކުރަނީ އިހުމާލުވުމުގެ މައްސަލައެވެ.