ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރޭ 23:04 ހާއިރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ފަސް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން 56 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ދެކުނުގެ ރަށެއްގައި 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ވަނީ އާއިލާގެ މެންބަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ކުއްޖާ ނިސްބަތްވާ ރަށުގެ މީހަކު ބުނީ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ކުއްޖާގެ ބައްޕަ ފަރާތު ބޮޑުދައިތަގެ ފިރިމީހާ ކަމަށެވެ. މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި ފަސް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މީ މިފަހުން ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވި ތިންވަނަ މައްސަލައެވެ. މިދިޔަ ބުރާސްފަތި ދުވަހު ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކުއްޖާގެ ކާފަ އާއި މުނިކާފަ ވަނީ ހައްޔަރު ކޮށްފައެވެ. އަދި 2 އަހަރުގެ ކުއްޖާގެ ބައްޕަ ފުލުހުން ހައްޔަރުކޮށްފައި ވަނީ އިހުމާލުވާ ކަމުގެ ތުހުމަތުގައެވެ. މި ތިން މީހުން ހައްޔަރުކޮށް ބަނދުގެ މުއްދަތަށް 15 ދުވަސް ވަނީ ޖަހާފައެވެ.

މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި އުމުރުން 12 އަހަރުގެ ކުއްޖަކާއި ނުވަ އަހަރުގެ ކުއްޖަކަށް 28 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ފެންމަތިވެފައެވެ. އެމައްސަލާގައި އެފިރިހެން މީހާ އުޅެނީ ފިލައިގެންނެވެ. ފުލުހުން އަދިވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.