ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބެލުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ކަމާބެހޭ ފަރާތްތައް ހާޒިކުކޮށް ސުވާލު ކުރުމުގެ ތެރޭގައި ގއ އަތޮޅުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ސެންޓަރުގައި މުވައްޒަފަކު ނެތް ކަން ހާމަ ވެއްޖެއެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ، އަތޮޅުތެރޭގައި ހުރި އެ މިނިސްޓްރީގެ ބައެއް ސެންޓަރުތައް ހުރީ އެންމެ އެކަށީގެންވާ ހާލަތެއްގައި ނޫން ކަމަށެވެ. އަދި ބައެއް ތަންތަނުގެ ފިޒިކަލް ހާލަތަށް ބެލިއަސް، އެތަންތަނުގައި ތިބި މުވައްޒަފުންގެ އަދަދުތަކަށް ބެލިއަސް އެކަން ހާމަ ވާނެ ކަމަށެވެ. އޭގަ މިސާލެއް ޖައްސަވަމުން މިނިސްޓަރު ވިދާޅުވީ ގއ. ސެންޓަރުގައި މުވައްޒަފަކު ނެތް ކަމަށާއި މުވައްޒަފަކު އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ.
މިނިސްޓްރު ވިދަޅުވީ، މުވައްޒަފަކު ނުހޯދިފައި ވަނީ ބައެއް ހާލަތްތަކުގައި ސިވިލް ސާވިސްގެ ޕްރޮސީޖާ އޮންނަ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މިފަަދަ މުހިންމު ދިމަދިމާލަށް މުވައްޒަފުން ނެގުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި، އަބަދުވެސް ޖެންޑާ މިނިސްޓްރީއަކީ، ވަރަށް މިނިމަމް ބަޖެޓު ލިބޭ މިނިސްޓްރީއެއް ކަމަށާއި، ނަމަވެސް މިއަހަރުގެ ބަޖެޓުގައި ކޮންމެވެސް ވަރެއްގެ ހެޔޮތަކެއް އެބަ ހުރި ކަމަށެވެ. އަދި އެއީ ހުރިހާ އިޖުތިމާއީ މައްސަލަތައް ބަލާ ވުޒާރާއަށް ވެފަ، މުޅި ރާއްޖޭގައި ޖެންޑާ މިނިސްޓްރީގެ ހިދުމަތްތައް ބޭނުން ވެފައި ވާއިރު، އެކަށީގެންވާ ފައިސާއާއި އެކަށީގެންވާ މުވައްޒަފުން އަދި ބޭނުންވާ ކެޕޭސިޓީ ވެސް ހުރި ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ. ނަމަވެސް، ހުރި ކެޕޭސިޓީތައް ސްޓްރަކްޗާ ކޮށްގެން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވީ، ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރާ ސޯޝަލް ވޯކަރުންނާއި އަތޮޅުތަކުގައި މަސައްކަތް ކުރާ ކޮންމެ ސޯޝަލް ވޯކަރަކީ 50-60 ކޭސް ބަލަމުންދާ މީހެއް ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި އެއް ކޭސް ވޯކަރަކު މިހާ ގިނަ ކޭސް ބަލަމުންދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެއީ ވަރަށް ބޮޑު ލޯޑެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މަސައްކަތުގެ ޕްރޮފެޝަނަށް ބަލާއިރު ވެސް ބެސްޓް ޕްރެކްޓިސެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް ކޮންމެ މައްސަލައެއް ވެސް ފެންމަތިވާއިރު ޖެންޑާ މިނިސްޓްރީގައި ހުރި ގޮންޖެހުންތަކަށް ވުރެ ބޮޑަށް ހުރި ރިސޯސްތަކުން އެންމެ ރަނގަޅަށް ހިދުމަތް ފޯރުކޮށްދެވޭތޯ ބައްލަވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.